މީމު އަތޮޅާއި މާލެއާއި ދެމެދު ދަތުރުކުރާ ސަވާރީ ބޯޓު ގެއްލިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފިއެވެ.

ދިވެހި ޤައުމީ ދިފާޢީ ބާރުން މިއަދު ބުނީ ސަވާރީ ބޯޓުގެ ޚަބަރެއް ނުވެގެން އެބޯޓު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ފަށާފައިވާ ކަމަށެވެ. ސަވާރީ ބޯޓުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ 1:30 ހާއިރުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުން 2 ދިވެހިންނާއި 2 ބިދޭސީން ވަނީ ދަތުރުކޮށްފައެވެ. މިއުޅަނދަކީ ބޭރުގައި ހުދު ދަވާދުލާފައިވާ 75 ފޫޓްގެ އުޅަނދެއްކަމަށާއި, މި އުޅަނދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ސަވާރީ ބޯޓުގެ ވައިބަރ ގްރޫޕްގައި ރޭ 1:20 ގައި ބުނެފައިވަނީ މާލެއިން ފުރައިގެން ވ. ފެލިދޫ އަށް ދަތުރުކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ގްރޫޕްވެސް އަޕްޑޭޓް ވެފައެއް ނުވެއެވެ.



ކަނޑު އުޅަނދުފަހަރު ޓްރެކް ކުރާ “ޓްރެކްމީ” އެޕްލިކޭޝަނުން ދައްކާގޮތުން އެބޯޓު އެންމެ ފަހުން ދަތުރުކޮށްފައިވަނީ މާލެ އަތޮޅުގެ ދެކުނުން ނެވެ. ރޭ 1:30ގެ ފަހުން އެބޯޓުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ އެ އިދާރާއަށް ބޯޓު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ލިބުނުއިރު އެވަގުތު ބޯޓު އޮތީ ކ. ގުރައިދޫގެ އިރުމަތީބޭރުން ދިހަ މޭލުގައި ކަމަށާއި ނަމަވެސް އޭގެ ފަހުން ހަބަރެއް ނުވާކަމަށެވެ.



މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ މެޓު އޮފީހުންވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އަދި ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މެޓުން ބުނީ މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ. އަދި 45 މޭލަށް ވައިބާރުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން