ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި ސަސްޕެންޑްކުރި ކާނަލް އަބްދުﷲ އިބްރާހިމަށް ޕްރޮމޯޝަން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ސެކިއުރިޓީ ބްރީޗްވި މައްސަލައާ ގުޅިގެން، އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް މިދިޔަ މާރޗް މަހުގެ 20 ވަނަ ދުވަހު ވަނީ ސަސްޕެންޑް ކޮށްފައެވެ.

ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އެންގެވުމަށް ކާނަލް އަބްދުﷲ އިބްރާހީމާއި ގުޅޭ މައްސަލަ ބަލަން އެމްއެންޑީއެފުން ކޮމިޓީއެއް އެކުލަވާލި އެވެ. ނަމަވެސް އޭނާގެ މައްސަލަ ބެލުމަށްފަހު މައްސަލަ ނިންމި ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ސަސްޕެންޑު ކުރިއިރު ކާނަލް ރޭންކްގައި ހުންނެވި އަބްދުﷲ އިބްރާހީމް މިހާރުވަނީ ބްރިގޭޑިއާ ޖެނެރަލް ރޭންކަށް ޕްރޮމޯޓް ކޮށްފަ އެވެ.

އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނުމަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސް ދަތުރުފުޅު ކުރެއްވި މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކުރެއްވީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމާއި ގުޅިގެން ގާތްގަޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ޕީޕިއެމްގެ އޮފީސް ކައިރީގައި އޮތުމަށްފަހު ރައީސްގެ މޮޓޯކޭޑް ވަނީ ދަތުރުކުރަމުން ގެންދިޔަ ރޫޓް ބަދަލުކޮށްފައެވެ. އެކަމާގުޅިގެން ރައީސްގެ ސެކިއުރިޓީ ޔުނިޓް ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމާންޑަރު އަހުމަދު ހަލީމަށް ޙަވާލުކުރި ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން