ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ދަޢުލަތުން މުޢިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ މިއަދުގެ ކުރިއަށް ގެންގޮސްފައިވަނީ ޙުކުމް އިއްވުމުގެ މަޖިލީހެވެ.

މައްސަލައިގެ ޙުކުމް އިއްވަވަމުން ޤާޟީ ވިދާޅުވީ، ޖިނާއީ ތަހުގީގެއް ހިންގައި އޭގެ މައްޗަށް ދައުވާ އުފުލާ މައްސަލަތަކުގައި ދައުވާ ސާބިތު ކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއްކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި ދަޢުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ ބަޔާނަކީ، މުޢިއްޒު ދިން ބަޔާނެއްކަމާއި، ބަޔާނުގައިވާ ސޮޔަކީ މުއިއްޒުގެ ސޮއިކަން އެކަށީގެންވާ މިންވަރަށް ދައުލަތަށް ޔަޤީން ކޮށްދެވިފައިނުވާކަމަށް ޤާޟީ ވިދާޅުވިއެވެ.

އޭގެއިތުރުން، އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގެ ޔައުމިއްޔާގައިވެސް ނޫމަޑި މައްސަލާގައި މުއިއްޒު އަދާކުރެއްވި ދައުރެއްވެސް، އަދި ދެއްކެވި ވާހަކައެއްވެސް ފެންނަން ނެތް ކަމަށާއި، އޭގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގވެސް ނެތްކަމަށް ޤާޝީ ވިދާޅުވިއެވެ.

ކްރިމނަލް ކޯޓުން މި މައްސަލަ ބައްލަވާ ޤާޟީ ސޮފްވަތު ހަބީބު މިއަދު ނިންމަވާފައިވަނީ ދަޢުލަތުން ހުށައަޅާފައިވާ ހެކިތަކަށް ރިޢާޔަތް ކުރާއިރު، މި ދަޢުވާ ޑރ، މުޢިއްޒުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

މިމައްސަލައިގެ އަޑުއެހުންތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ، ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއެއްގެ ގޮތުގައި ހެކިދެއްވާފައި ވަނީ ޑރ. މުއިއްޒު ކަމަށެވެ.

އެގޮތުން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ އެއްބަސްވުމާއި، 2013ގައި ވެފައިވާ އެއްބަސްވުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް މުޢިއްޒުގެ ބަޔާނުގައި ވިދާޅުވިކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއްވިއެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި ދޮގު ބަޔާނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޑރ. މުޢިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މިމައްސަލާގައި ޕީޖީ އޮފީހުން އިއްވި ޚުލާސާބަޔާނުގައި ފާހަގަކުރަށްވާފައިވެއެވެ.

މައްސަލައިގެ ހުލާސާ ބަޔާން އިއްވަވަމުން ޑރ. މުޢިއްޒުގެ ވަކީލް ވިދާޅުވީ ދަޢުލަތުން އުފުލާފައިވާ ދަޢުވާއަށް އިންކާރު ކުރަށްވާ ކަމަށެވެ. އަދި ޑރ. މުއިއްޒު ދޮގު ބަޔާން ދިންކަމަށްބުނެ އެ ބަޔާނާ ގުޅޭ ކަންކަން ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ކިތާބީ ހެކިތަކަކީ އިނގިރޭސި ބަހުން ލިޔެފައިވާ ވިޓްނަސް ސްޓޭޓްމަންޓުތަކެއްކަމަށާއި، އެ ލިޔުންތަކުގައި ސޮއިކޮށްފައިވަނީ ޑރ. މުއިއްޒުކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެކަމަށެވެ.

އޭގެ އިތުރުން ހުވައެއްގެ މަތީގައިހުރެ ދޮގު ބަޔާނެއްދޭ ހާލަތާއި، ހުވައެއްގެ މަތީގައިކަމަށް ނުވާ ހާލަތުގައި ދޭ ބަޔާނާއި ގުޅިގެން ދައުވާ އުފުލަންޖެހޭ މާއްދާ ތަފާތުވާނެ ކަމަށް ދިފާއުން ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ދައުލަތުން ފާހަގަކުރާ ބަޔާން ދިނީ އެފަދަ ހުވައެއްގެ މަތީގައިކަން އެނގެން ނެތަތީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ބަދަލުގައި ދައުވާ ކުރަން ޖެހެނީ 521 ވަނަ މާއްދާގެ ދަށުން ކަމަށް ދިފާއުގެ ބަޔާނުގައިވެއެވެ.

ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނޫމަޑީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި ނަމަވެސް ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދީ މައްސަލަ ހައްލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން