ފުލުހުންގެ ހައްޔަރުގައި ހުއްޓާ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ނިޔާވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަޝީދުގެ މަރުގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށް ބުނެ، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ ހޯމް މިނިސްޓަރާ ސުވާލުކުރައްވައިފައެވެ.

އެކަމާގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ ރަޝީދުގެ މަރާ ގުޅިގެން ޕޯސްޓްމޯޓަމް ހެދުމުގެ އިތުރުން އެ މައްސަލަ ތަހުގީގުކުރީ އެކަމުގައި ފުލުހުންގެ ފަރާތުން އަނިޔާއެއް ނުވަތަ އިހުމާލެއް އޮތްތޯ ބެލުމަށް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.

"ފުލުހުންގެ ސީދާ އަނިޔާއެއް ނޫނީ އިހުމާލެއް އޮވެގެން އޭނާ މަރުވުމަށް ދިމާވިކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަށް ލިބޭކަށް ނެތް" އިމްރާން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުގައި ހުއްޓާ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރާތީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމުން ވެސް ވަނީ އެމައްސަލަ ތަޙުޤީޤު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން