ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ރިޔާސީ މޮޓޯކޭޑަށް ހުރަސްއެޅި 5 މީހަކަށް ދަޢުވާކޮށްދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން މިއަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ މޮޓޯކޭޑަށް ހުރަސްއެޅުމާ ގުޅިގެން 5 މީހަކު ފުލުހުންގެ ބަންދުގެ ދަށަށް ގެންދިޔައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށައެޅި މައްސަލާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑް އަށް ހުރަސްއަޅައި، އަޑުގަދަކޮށް ޢާއްމު މަޞްލަޙަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި، ހުޅުމާލެ 11328 ގޯތި، މުޙައްމަދު ޢައްބާސްއާއި، ދަފްތަރު. ނަންބަރު ރސ 9151، އަޙްމަދު ރަޝީދުއާއި، ހުޅުމާލެ. ފްލެޓް 06-2-154، އަޙްމަދު ޢަޒީލްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އުފުލާ ކަމަށެވެ.

ހަމައެއާއެކު ގއ. ދެއްވަދޫ، އެސްޓަންވިލާ، އަޙްމަދު ސިނާންއާއި، ށ. ބިލެތްފަހި، ސޭޑީކޯނަރ، މަރްޔަމް މާޝާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 615 މާއްދާގެ ދަށުން ޢާންމު މަސްލަޙަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ، 16 މޭ 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސްގެ މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކޮށްފައިވަނީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން