ނޫސްވެރިޔާ އަހްމަދު ރިޟުވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިދިޔަ ބުދަ ދުވަހު ކޯޓުން ދޫކޮށްލި އަހުމަދު އިސްމާއިލް (އަހަނދު)ގެ ފައިގައި ޓެގު އަޅުވައިފިއެވެ.

ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ ރޭ ވިދާޅުވީ ކުށްވެރީންގެ ފައިގައި އަަލުން ޓެގު އަޅުވަން ފަށާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޓެގް އަޅުވާފައިވަނީ އަހްމަދު އިސްމާއިލްގެ ފައިގައިކަމަށް މަޢުލޫމާތު ލިބެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލުމުގެ މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން 26ގައި ހައްޔަރުކޮށް، ސެޕްޓެމްބަރު 1ގައި އަހުމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.

ނަމަވެސް ޝަރުތު ތަކަކާއެކު ކޯޓުން މިހާރުވަނީ އޭނާ ދޫކޮށްލާފައެވެ. އަހަނދުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ މޮނިކޮން ނިޒާމަކީ ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް، އެންކަލް ބްރެސްލެޓް ބޭނުންކޮށްގެން، ބަލައި ދެނެގަތުމުގެ ނިޒާމެކެވެ. އަދި އެއީ އެފަދަ މީހުން ތަހުގީގަށް ހައްޔަރުކުރެވޭ ވަރަށް ހެކިނެތުމުން ނުވަތަ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބައިތިއްބަން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅާ މީހުންގެ ހަރަކާތްތައް ހުންނަގޮތް ދެނެގަތުމަށް ކުރާ ކަމެކެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެއެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން