ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
ކ. ދިއްފުށީ މީހަކު އޭނާގެ އަންހެނުންގެ ކޮއްކޮއަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ. މެންބަރު ނަސީމު ވިދާޅުވީ، އެ ޢަމަލު ހިންގާފައިވަނީ އޭނާގެ ތިމާގެ މީހެއް ކަމަށާއި ނަމަވެސް އެކަން ފޮރުވައި ދިފާޢުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން އަންނަ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަަވަމުން މެންބަރު ނަސީމު ވިދާޅުވީ، މިއަދު އަނެއްކާވެސް ދިއްފުށީގައި ޖިންސީ ގޯނާގެ ކަމެއް ހިނގައިފި ކަމަށާއި، އެ ޢަމަލު ހިންގި މީހާ ގުޅުން ހިންގި ކަމުގެ ވާހަކަ އަނިޔާލިބުނު ކުއްޖާ ކިޔައިދޭ އޯޑިއޯތައް ލިބިފައިވާ ކަމަށެވެ.

"މިއަދު އަނެއްކާވެސް ދިއްފުށީގައި މިކަހަލަ ކަމެއް ހިނގައިފި، ހަމަ ދިއްފުށި މީހެއް، އަޅުގަނޑުގެ ތިމާގެވެސް މީހެއް، އެކަމަކު އަޅުގަނޑުގެ ތިމާގެވިޔަސް ގޯހެއް ވާނީ ގޯހަކަށް، އޭނާގެ އަންހެނުންގެ ކޮއްކޮޔާ އޭނާ ގުޅުމެއް ހިންގި ކަމަށް އޯޑިއޯތަކާ އެއްޗެހިވެސް އަޅުގަނޑަށް ލިބިފަ އެބަހުރި، އެކުއްޖާ ސީދާ ކިޔައި ދެނިކޮށް، ކުޑަ ކުއްޖާ." މެންބަރު ނަސީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގޯސް ހެދީ ތިމާގެ މީހަކަށް ވިޔަސް އެ ވާހަކަ ދައްކައި، ދެވެން އޮތް ތަނަކަށްގޮސް އެކަމަށް ފިޔަވަޅު އަޅަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ކަންކަން ރަނގަޅު ކުރުމަށް ހުވައެއް ކޮށްގެން ހުރި މީހެއްގެ ހައިސިއްޔަތުން އެފަދަ ކަންކަން ސިއްރު ކުރަން ޖެހޭ ކަމަށް ޟަމީރު ގަބޫލު ނުކުރާ ކަމަށާއި، ތިމާގެ ވިޔަސް އެއްބަނޑު އެއްބަފާ ވިޔަސް އެވާހަކަތައް ދައްކަވާނެ ކަމަށެވެ.

"އަޅުގަނޑު ކުރިޔަސް ގޯހެއް ވާނީ ގޯހަކަށް، އަޅުގަނޑު ތިމާގެ މީހަކު ކުރިޔަސް ގޯހެއް ވާނީ ގޯހަކަށް. އަޅުގަނޑު އެވާހަކަ ދައްކާނަން އެއްވެސް ބޭފުޅަކު ހީނުކުރައްވާތި އަޅުގަނޑުގެ ތިމާގެ މީހެއް ވީމަ ނުވަތަ އަޅުގަނަޑުގެ އެއްބަނޑު މީހެއް ވީމަ، އަޅުގަނޑުގެ ގާތް އަހެއްވީމަ، ނުވަތަ ހުދު އަޅުގަނޑު ވީމަ އަޅުގަނޑު އެކަން ކުށްވެރި ނުކޮށް ހުންނާނެއޭ، ކުށެއް ކުރެވިއްޖެއްޔާ އަޅުގަނޑު ވިޔަސް ހަމަ ވާނީ ކުށަކަށް، އެއްވެސް ބޭފުޅަކު ދެކިވަޑައިގެން ނުހުންނަވާތި އަަޅުގަނޑަށް ވާހަކައެއް ދައްކަން ނުކެރިފައި ހުންނާނެ ކަމަށް. އަޅުގަނޑުވެސް ދެރަވޭ ހިތާމަ ވެސް ކުރަން ހިތްވަރުވެސް އެލޭ ގޮތްވޭ އެންމެ ގާތް މީހުންގެ ވާހަކަ މިގޮތަށް ދައްކަން ޖެހޭތީ." މެންބަރު އިބްރާހިމް ނަސީމު ވިދާޅުވިއެވެ.

މި ކަމާބެހޭ އިތުރު ތަފްސީލެއް މެންބަރު ނަސީމް ވެސް އަދި ފުލުހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަޙްމަދު ޚައިތަމް ހުށައެޅުއްވި ޤަރާރުގައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ކުޑަކުދިންނާއި، އެ ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށް ގޮވާލާފައެވެ.

މީގެއިތުރުން މިހާރަށްވުރެ ބޮޑަށް ދައުލަތުން އެފަރާތްތަކަށް ސަމާލުކަން ދިނުމަށާއި، ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރުމަށާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ކުރާ ހޭދަ މިހާރަށްވުރެ އިތުރުކުރުން ވެސް މި ގަރާރު ހުށައެޅުއްވި ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން