އެންޑީޕީގެ ރިޔާސީ ޕްރައިމެރީގެ ނަތީޖާ ހަޖަމުނުވެ ޕާޓީދޫކޮށް ނުކުމެ ވަޑައިގެންނެވި ރައީސް ނަޝީދު އަލަށް އުފެއްދެވި ދަ ޑިމޮކްރެޓްސްއާއެކު އިދިކޮޅު އެންމެބޮޑު ޕާޓީ ޕީޕީއެމުން ސިލްސިލާ މަޝްވަރާތަކެއް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މިމަޝްވަރާތަކުގެ އަމާޒަކީ މިހާރު މިއޮތް ޤާނޫނީ ސަރުކާރު ބަދަލުކުރުންކަމަށް ދެޕާޓީންވެސް ބުނެއެވެ. އެމީހުންގެ މަޤުސަދަކީ އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަޤާމުން ދުރުކުރުންކަމެއް ނުވަތަ ރިޔާސީ އިންތިޚާބުގައި ގުޅިގެން އެމަނިކުފާނާ ވާދަކޮށް އެމަނިކުފާނު ބަލިކުރުންކަމެއް ސާފެއް ނޫނެވެ.

މިއިން ކޮންމެ ގޮތެއް ހެދުމަށް ދެޕާޓީން މަސައްކަތްކުރިއަސް އެއްވެސް ގޮތަކަށް ދެބައިމީހުންނަށް އެއްބަސްވެވިދާނެކަމަކަށް ނުފެނެއެވެ. ފުރަތަމަ ގޮތަށް ބަލާއިރު ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަން ބަދަލުކުރެވޭވަރުގެ ހަކަތައެއް ޕީޕީއެމްއަކުވެސް ޑިމޮކްރެޓްސްއަކުވެސް ނެތެވެ. އަދި އެ ދެޕާޓީ ގުޅިގެންވެސް އެފަދަ ހަކަތައެއް އުފެއްދޭނެ ބާރެއްވެސް ނެތެވެ. ދެން އެކަން ކުރާނީ ކިހިނެއްބާއެވެ؟

ދެވަނަ ގޮތަކީ ރިޔާސީ އިންތިޚާބުގައި ދެޕާޓީން ގުޅިގެން ނުކުމެ ރައީސް ޞާލިޙް ބަލިކުރުމެވެ. އެކަން ކުރެވޭނި ދެޕާޓީން އެއްބަސްވާ ރިޔާސީ ކެންޑިޑޭޓެއް ނެރެގެންނެވެ. އިންތިޚާބަށް ދާދި ކުޑަ ދުވަސްކޮޅަކަށް ވީއިރު އަދި އެކަމެއް ނުވެއެވެ. ޖަލުގައި އޮތަސް ޤާނޫނީގޮތުން ކުރިމަތިލެވޭނެ މަގެއް ނެތަސް ރައީސް ޔާމީން ނޫން ކެންޑިޑޭޓަކަށް ޕީޕީއެމުން އެއްބަހެއް ނޫނެވެ. ރައީސް ޔާމީނަށް ކުރިމަތިލެވޭނެ ޙާލަތެއް މެދުވެރިވިޔަސް ޑިމޮކްރެޓްސްއިން ރައީސް ޔާމީނަށް ތާޢީދުކޮށްފާނެކަމަކަށް އަދި ބެލެވޭކަށް ނެތެވެ.

ދެން ހުންނެވީ ރައީސް ނަޝީދެވެ. އިންތިޚާބުގައި ވާދަކުރެވޭވަރުގެ ހިތްވަރެއް އެމަނިކުފާނުގެ ކިބައިގާ މިވަގުތު ހުރިހެނެއް ހިޔެއްނުވެއެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދު ނޫން ދެފަރާތް އެއްބަސްވާ ކެންޑިޑޭޓެއް ނެރުމުގެ ވާހަކަ ޑިމޮކްރެޓްސްއިން ދެތިންފަހަރަކު ދައްކައިފިއެވެ. ހަމަ އެވާހަކަ ދައްކާ ކޮންމެފަހަރަކު ޕީޕީއެމް ފުންމައިގެން ދެއެވެ. ޑިމޮކްރެޓްސްގެ މީހުންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވައެވެ.

އެހެންނަމަވެސް ހެއްވާ ކަމަކީ އަނެއްކާވެސް ހަމަ އެބުނާ މަޝްވަރާއެއްކުރަން ދެޕާޓީން އެހެންޏާ އޯޝަން ލައިބްރަރީއަށް އެހެންޏާ ޕީޕީއެމް އޮފީހަށް އެއްވެއެވެ. އެއިން ނުކުންނަ ނަތީޖާއެއް ހަރާމުން ހަރާމެވެ. މިއީ އެދެބައި މިހުންނަށްވެސް ހަމަ ރަނގަޅަށް ވެސް އެނގޭނެ ކަމެކެވެ.

ދެން މިވެރިން ކޯޅިކޯޅިފައި އަނެއްދުވަހު އަނެއްކާ އިށީނދެ އެދައްކާ ވާހަކައެއް ޕާޓީގައި ގޮތް ނިންމާ ގުނަވަން ތަކުގައި ތިބޭ ބަޔަކަށް ވެސް ފަހުމެއް ނުވެއެވެ. އެބުނާ ގޮތް ނިންމާ ސެނެޓަރުންނަށް ވާނުވާ ނޭނގިގެން ކޯޅިގަތީމާ އަދުރޭ ވިދާޅުވާނީ އެވެރިން އެ ކޯޅެނީ ރައީސް ޔާމިން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.

ދެން މިބުނަނީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ވާހަކަ ދައްކަނީ ކަމަށެވެ. ޕީޕީއެމުން ގައުމީ ކަމެއް ކަމުގައި ދެކިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތަކީ "އިންޑިއާ އައުޓް" ހަރަކާތެވެ. އެއީ ޑިމޮކްރެޓުން ބަލައިގަންނަ ހަރަކާތެއް ނޫނެވެ. ދެން މިވެރިން މިކުރާ ސައްލާ އަކީ ވަޅަށް ވެއްޓުނު ގެރި ވަޅުން ނެގުމާ ބެހޭގޮތުން ކުރާ ޒާތުގެ މަޝްވަރާއެއް ބާވައެވެ؟ އެހެން ވެއްޖެއްޔާ ރިޔާސީ އިންތިހާބު ނިމޭއިރުވެސް އެ މަޝްވަރާތަކެއް ނުނިމޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން