ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން އަޙްމަދު ކްރިކް ރިޟާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ފުއްގިރި މައްސަލައިގެ ދައުވާ ލިބޭ އަހްމަދު ކްރިކް ރިޟާ ބަލިވެ އުޅޭތީ މި މައްސަލާގައި އެންމެފަހުން ބޭއްވުމަށް ތާވަލުކުރި ފަސް އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.

ފުއްގިރި މައްސަލައާއި ގުޅިގެން ކްރިކް ރިޟާގެ މައްޗަށް ދަޢުލަތުން 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި ދަޢުވާލިބޭ އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

އަދި އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

“އަޙްމަދު ކުރިކް ރިޟާގެ ބައިގައި ދިމާވި މި ޙާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ޤާނޫނީ ގޮތުން އޮތީ ބަންދުވެފައެވެ.” ޕީޖީ އޮފީހުން މިއަދު ބުނެފައިވެއެވެ.



އެހެންކަމުން މި މައްސައަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި މިފަދަ މައްސަލައެއްގައި ދަޢުވާލިބޭ އެކެއްގެ ބައިގައި ދިމާވި ޙާލަތަކާ ގުޅިގެން ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ ޢާންމު މަސްލަޙަތު އޮތްގޮތް ކަމަށް ނުފެންނަކަމަށް ޕީޖީން ވަނީ ހާމަކޮށްފައެވެ.

“އަޙްމަދު ކުރިކް ރިޟާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދަޢުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ވާނީ ދަންނަވާފައެވެ.” ޕީޖީ އޮފީހުން މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖުގައި ވެއެވެ.

ޕީޖީން އިތުރަށް ބުނެފައިވަނީ އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެންނައުމަށް އެދިފައިވާނީ އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އެކަނި ކަމަށާއި އެކަން ކުރެވޭނީ ކޯޓުން ހުއްދަ ދިނުމުން ކަމަށެވެ.

“އަޅުގަނޑުމެން އެދިފައިވާނީ އަލުން ހުށަހަޅާ ގޮތަށް އަނބުރާ ގެނައުމުގެ ހުއްދައަކަށް. މި މަރުޙަލާގައި އޮތް ދަޢުވާއެއް މިފަދައިން އަނބުރާ ގެނެވޭނީ ކޯޓުން ހުއްދަ ދެއްވައިފިނަމަ. ކުރިކް ރިޟާގެ ބައި އަނބުރާ ގެންނަނީ މިވަގުތަށް މަޑުޖައްސާލުމަށްޓަކައި. ޙާލަތު ބަދަލުވުމުން އަދި ސާފުކުރަންޖެހޭ ކަންކަން ސާފުވުމުން އަލުން ދަޢުވާ ކުރިއަށް ގެންދާނެ.” ޕީޖީން ބުނެފައިވެއެވެ.

މި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށްވެސް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އުފުލާފައިވެއެވެ. ހަމައެއާއެކު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން