ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު ހަތް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ރަފީއުއްދީން ސަސްޕެންޑުކޮށްފައިވަނީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައިނުވާތީ، އެހެން ދުވަހަކަށް ޙުކުމް ކުރުމަށް ތާވަލުކުރާނެކަމަށް ޝަރީއަތުން ބުނެ، ޙުކުމްކޮށްފައިނުވުމުން ކަމަށެވެ.

ހަމައެއާއެކު މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލުނުކޮށް އެއް އަހަރާއި ފަސް މަހާއި 19 ދުވަސް ހޭދަކޮށް، އެއަށްފަހު ޙުކުމް ކުރުމަށް ތާވަލުކޮށް، ދަޢުވާލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ޙުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކޮށްފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އޭގެއިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން ތަޙްޤީޤަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގެން އޮންނާތީ އޭނާ ސަސްޕެންޑް ކުރުމަށް ނިންމީކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނެފައިވަނީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ މި ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި 6.2 ވަނަ ނަންބަރާއި 6.4 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށެވެ.

އެހެންކަމުން މެޖިސްޓްރޭޓް ރަފީޢުއްދީން މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ ހަތް ދުވަހަށް ސަސްޕެންޑް ކުރުމަށް އިއްޔެ ބޭއްވުނު ޖޭއެސްސީގެ 46 ވަނަ ޖަލްސާގައި ނިންމާފައިވާކަމުގައި ޖޭއެސްސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން