ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިކަން އޭސީސީ އާއި އޮޑިޓް އޮފީހަށް އެންގެވި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ފުއްގިރި މައްސަލައިގެ އަޑުއެހުމުގައި ދަޢުލަތުގެ ފަރާތުން ހެކިބަސްދެމުން ބޮންޑެ ވިދާޅުވީ ފުއްގިރި ޚިޔާނާތް ހިންގި ދުވަސްވަރު އޭނާ މަސައްކަތް ކުރެއްވީ އައިބީއާރުގެ ނަމުގައި ކުންފުންޏެއް ހަދައިގެން ޓުއަރިޒަމް ވިޔަފާރިއާއި ޓުއާ އޮޕަރޭޓް ވިޔަފާރީގެ މުއާމަލާތްތަކުގައި ކަމަށެވެ.

އެގޮތުން ދުބާއީގެ ކްލެސިކް އައިލެންޑް ހޯލްޑިންގެ ފަރާތުން އެ ދުވަސްވަރު ފުއްގިރި މުއާމަލާތްތަކުގައި އުޅުއްވި ކަމަށް ބޮންޑެ ވިދާޅުވި އެވެ. ބޮންޑެ ވިދާޅުވީ ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރިކަން އެނގިފައިވަނީީ އެފައިސާގެ ލިޔެކިޔުންތައް ބޭންކުން ހޯދަން ދިޔުމުން އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށްފައިވާ ބޭންކު ސްޓޭޓްމަންޓެއް ފެނުމުން ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބޭންކަށާއި އޭސީސީ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުއްވިކަމަށް ބޮންޑެ ވިދާޅުވިއެވެ. އެދުވަސްވަރު އެމައްސަލަ ތަހުގީގުކުރަންވެސް ފެށީ ކަމަށާއި އެހެންކަމުން އެދުވަސްވަރު އަދީބާއި ސަރުކާރާ ދެމެދު މައްސަލައެއް އުޅޭކަމަށް ޤަބޫލު ކުރެވުނު ކަމަށްވެސް ކޯޓުގައި ހެކިބަސް ދެއްވަމުން ބޮންޑެ މިއަދު ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ އެއީ 150000 ޑޮލަރުގެ ޑީލެއް ކަމަށާއި ރަށަށް އަގެއް ކަނޑައެޅުމަށްފަހު، ކުއްލިއަކަށް ރަށުގެ އަގު ކުޑަވުމުން ބޭރުގެ ކުންފުނިންވެސް އެ ސުވާލު އުފެއްދި ކަމަށެވެ. ކުންފުނިންވެސް އޮތީ ރަށުގެ އަސްލު އަގުގައި ރަށް ގަންނަ ގޮތަށް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ފުއްގިރި މުއާމަލާތާއި ގުޅިގެން އަހުމަދު ކްރިކް ރިޒާއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް އޮވެގެން ނުވާނެކަމަށާއި އޭނާގެ ކުންފުނިން ކުރި ހުރިހާ މުޢާމަލާތެއްވެސް ކޮށްފައިވަނީ ޤާނޫނީ ގޮތުން ލޯފާމް މެދުވެރިކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަށާ ގުޅޭ އެއްވެސް ކަމެއްގައި ދުވަހަކުވެސް އަހުމަދު އަދީބާ ބައްދަލު ކުރައްވާފައި ނުވާނެކަމަށްވެސް ހެކިބަސްދެމުން ބޮންޑޭ ވިދާޅުވިއެވެ.

“އެއީ މަގުމަތިން ދަމާކަނޑާ ފާޑަށް ކޮށްފަ އޮތް ވިޔަފާރިއެއް ނޫން“ ބޮންޑެ މިއަދު ވިދާޅުވިއެވެ.

މި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އުފުލާފައިވެއެވެ. ހަމައެއާއެކު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.

ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން