ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (މެދުގައި)
ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (މެދުގައި)
ރާއްޖެ އެތެރެކުރި 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގެ އިސްމީހާ ކަމަށް ދަޢުލަތުން ބުނާ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ބަންދުން ދޫކޮށްލައިފިއެވެ.

2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12ވަނަ ދުވަހު ކަންނެލި ދޯންޏެއްގައި އެތެރެކުރި މަސްތުވާތަކެތީގެ މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ދަޢުލަތުން ތުހުމަތުކުރަނީ ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާއަށެވެ.

މިއަދުގެ ބަންދު މުރާޖަޢާ އަޑުއެހުމުގައި ޤާޟީ އަލީ ނަދީމް ނިންމަވާފައިވަނީ ބާކީ ތިބި 5 ހެކިންނަކީ ޝަހީބުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ކަމެއް ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިތަކެއް ނޫންކަމަށް ވުމާއެކު، އޭނާ ބަންދުން ދޫކޮށްލުމަށެވެ.

ޤާޟީ ވަނީ ޝަހީބުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ނިންމަވާފައެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާޒާއި އިގްބާލްގެ މައްޗަށެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއްގެ އިސްވެރިޔެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހީމާއި އޭގެ ޑްރަގް ނެޓްވޯކްގެ ބައިވެރިންގެ މައްޗަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ތިން ދައުވާއެއް ޕީޖީ އޮފީހުން އުފުލާފައިވެއެވެ.

ޕީޖީ އޮފީހުން އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، ޑައިމޯފިން ޓްރެފިކް ކުރުމާއި، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމާއި، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދަޢުވާއެވެ. މީގެން ކޮންމެ ދަޢުވާއެއްގެ އަދަބަކީ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުމެވެ. އެހެންކަމުން މި ދަޢުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 75 އަހަރުގެ ޖަލު ޙުކުމެއް އިއްވާނެއެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ބުނެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން