ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢެއް
ސަރުކާރުގެ މަޝްރޫޢުތަކަށް އެންމެ ބިޑެއް ހުށަހެޅިޔަސް މަޝްރޫޢު ހަވާލުކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ޤަވާއިދު އިސްލާހުކޮށްފިއެވެ.

ދައުލަތުގެ މާލިއްޔަތު ޤަވައިދަށް ގެނެވުނު ތިން ވަނަ އިސްލާހާއިއެކު ސަރުކާރުގެ ޕްރޮކިއުމަންޓު ޕޮލިސީއަށް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެގޮތުން އާންމުކޮށް ބީލަމަށް ހުޅުވާލާއިރު 3 ބިޑުގެ ބަދަލުގައި އެންމެ ބިޑެއް ހުށަހެޅުނަސް، ހުށަހަޅާފައިވާ ބީލަމަކީ ޝަރުތުހަމަވާ އަދި ހުށަހެޅިފައިވާ އަގަކީ އެކަށީގެންވާ އަގެއް ކަމުގައި ވާނަމަ އެބީލަން ހުށަހެޅި ފަރާތާއި މަސައްކަތް ހަވާލު ކުރެވޭނެއެވެ. އަދި އާންމުކޮށް ހުޅުވާލާ ބީލަންތައް ހުށަހެޅުމަށް މުއްދަތު ގުނާނީ ރަސްމީ ބަންދު ނޫން 7 ދުވަހެވެ.

ޤަވާއިދަށް ގެނެސްފައިވާ އެހެން ބަދަލުތަކުގެ ތެރޭގައި ބިޑް ހުށަހަޅާ ފަރާތްތަކަށް މަޝްރޫއެއް ހިންގަން ފަރާތެއް ހޮވާފައިވާ ގޮތާއިބެހޭ ގޮތުން މައްސަލަ ހުށަހަޅަން ބޭނުންނަމަ 5 ދުވަހުގެ މުއްދަތު ދިނުން ހިމެނެއެވެ. އެގޮތުން ބީލަމާއި ގުޅިގެން މައްސަލައެއް ހުށައަޅައިފިނަމަ އެމައްސަލަ ނިމުމުން ނޫނީ ކޮންޓްރެކްޓްގައި ސޮއިނުކުރެވޭ ގޮތަށްވެސް ޤަވާއިދު ވަނީ އިސްލާހުކޮށްފައެވެ.

މީގެއިތުރުން ޕްރޮކިއުމަންޓް ހިންގާ ސިޔާސަތުތައް ކަނޑައަޅާ، އުސޫލުތައް ހެދުމަށް ސަރުކާރު އޮފީސްތަކުގައި 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް އެކުލަވާލަން ޖެހެއެވެ. މިބޯޑުން ބަލަހައްޓާނީ 5 މިލިއަނަށްވުރެ ބޮޑެތި މަޝްރޫތަކުގެ ޕްރޮކިއުމަންޓެވެ. އަދި 35 ހާހާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ މަޝްރޫޢުތައް ވަކިވަކި އޮފީސްތަކުގެ ޕްރޮކިއުމަންޓް ބަލަހައްޓާ ސެކްޝަންތަކުން ބިޑްކޮށް ކުރިޔަށް ގެންދެވޭނެއެވެ. މީގެއިތުރުން ކޯޕަރޭޓް ޖަމިއްޔާތަކާއި، ޤައުމީ ޖަމުޢިއްޔާ ޖަމާއަތްތަކަށް ބިޑްކުރުމަކާއި ނުލާ މަޝްރޫތައް ނުދެވޭނެކަމަށްވެސް މި އިސްލާހުގައިވެއެވެ.

ހަމައެއާއެކު މީގެ ކުރިން ބިޑް ސެކިއުރިޓީގެ ގޮތުގައި ނަގާ 250000 ރުފިޔާ ވަނީ 500000 އަށް ބަދަލުކޮށްފައެވެ. އަދި ރިޓެންޝަން ފައިސާ ނަގާނީ ކުރުވާ މަސައްކަތަށް އެކަނިކަމަށްވެސް މިއިސްލާހުގައިވެއެވެ.

ޤަވާއިދުގައިވާ އެހެން ކަންކަމުގެ ތެރޭގައި މަޝްރޫޢުތައް ދިނުމުގައި ވަކި ދާއިރާއަކާއި ގުޅުން ހުރި ފަރާތްތަކަށް އެ ދާއިރާއެއްގެ މަސައްކަތްތަކުން ފުރުސަތު ދިނުމާއި، އެއް ކުންފުންޏަކަށް ދެވޭ މަޝްރޫތަކުގެ އަދަދު ލިމިޓްކުރުމާއި، ބަނޑޭރިޕޭ މެދުވެރިކޮށް ޕްރޮޖެކްޓް ފީ އޮންލައިންކޮށް ދެއްކޭނެ ނިޒާމް ހަމަޖެއްސުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން