އަމިއްލަ މަންމައަށް މަރުގެ އިންޒާރުދިން ދިވެއްސަކު ހަމަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމީހާ އޭނާގެ މަންމައަށް މަރުގެ އިންޒާރު ދީފައިވަނީ ގޭގެ ތަކެއްޗަށް ގެއްލުން ނުދިނުމަށް މަންމަ ނަސޭޙަތްތެރި ވުމުންނެވެ. މި ޙާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި މައްސަލާގައި މަންމައަށް އިންޒާރުދިން ހ.ހަނީކޯމްބް އަޙްމަދު ޖަޒީލް ޝަރީޢަތުގެ މަޖިލީހުގައި ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ. އެހެން ކަމުން ދައުލަތުން ވަނީ ކުށް ސާބިތުކުރުމަށް ހެކިން ހުށަހަޅާފައެވެ.

މި މައްސަލައިގައި ޖަޒީލް ދިރިއުޅުނު ގޭގައި މަސައްކަތް ކުރާ ބިދޭސީއަކާއި، އޭނާގެ މަންމަ އާއި، އޭނާގެ ކޮއްކޮގެ އިތުރުން ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުން ވަނީ އޭނާއާދެކޮޅަށް ހެކިބަސް ދީފައެވެ.

ދަޢުލަތުން ހެކި ހުށައެޅުމުން ޖަޒީލް ވަނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް ޝަރީއަތުގައި އެދިފައެވެ.

މި މައްސަލާގައި ކޮށްފައިވާ ޙުކުމުގައި ވަނީ ޖަޒީލްގެ މައްޗަށް އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި މިކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 6 މަހަށް ޖަލަށްލުމަށް ކޯޓުން ނިންމެވިއެވެ.

ނަމަވެސް ހައްޔަރުގައި އޭނާ ހޭދަކޮށްފައިވާ 65 ދުވަސް ހުކުމުން އުނިކުރުމުން ޖަލުގައި އޭނާ ތަންފީޒު ކުރަން ޖެހޭނީ ތިން މަހާއި 25 ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން