ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް މައްސަލަ ހުށައަޅުއްވަނީ
ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް މައްސަލަ ހުށައަޅުއްވަނީ
ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށައެޅިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

އީސީން ބުނެފައިވަނީ ރައީސް ޔާމީނަކީ ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ ފަރާތެއް ކަމަށާއި އެޙުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން ކުށުގެ ރެކޯޑަށް ބެލުމުން އެނގޭކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އީސީގެ ނިންމުމުގައިވެއެވެ.

މި މައްސަލަ ބައްލަވަމުން ގެންދަވަނީ ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ޝަރީޢަތް ފެށުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ މައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އަޑުއެހުން މެދުކަނޑާލާނީ ނަމާދު ވަގުތުތަކަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ހުށައަޅުއްވަމުން ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީގޮތުން ރަނގަޅަށް ނޫން ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށެވެ.

އެގޮތުން މީހެއްގެ މައްޗަށް ކޮށްފައިވާ ޙުކުމެއް ނިހާއީ ވެގެންދާނީ ސުޕްރީމް ކޯޓުން އެކަމާމެދު ވަކިގޮތެއް ނިންމެވުމުންކަމަށާއި ނުވަތަ އެމީހަކު އަމިއްލައަށް އިސްތިޢުނާފް ކުރުމުގެ ފުރުސަތު ދޫކޮށްލުމުން ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމެވުންތަކުން ޙުއްޖަތް ދައްކަވަމުން ހަމްޒާ ވިދާޅުވީ މިހާރު ކުރިމަތިވެފައި މިއޮތީ ޢާއްމު ފަރުދެއްގެ އިންތިޚާބީ ޙައްޤާ ގުޅުންހުރި މައްސަލައެއް ކަމަށާއި އަދި މުޅި މުޖުތަމަޢުގެ މަސްލަޙަތާވެސް ގުޅުންއޮތް މައްސަލައެއް ކަމަށެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްކޮށްދެއްވައި ރައީސް ޔާމީނަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ހަމްޒާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ޙާލަތުގައި ޕީޕީއެމްގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ވާދަކުރެވޭނެގޮތަށް ކަނޑައަޅައި ދެއްވުމަށްވެސް ރައީސް ޔާމީންގެ ވަކީލް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރައީސް ޔާމީނަށް ވާދަކުރެވޭ ކަމަށް ނިންމައިފި ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުއްވުމަށްޓަކައި އިތުރު ވަގުތު ދިނުމަށް ވަނީ ހުށައަޅުއްވާފައެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުން ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލަތައް ހަތް ދުވަސްތެރޭ ނިންމަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން