ޤާނޫނު އަސާސީގައި ޖުޑިޝަރީއަކީ ދަޢުލަތުގެ ވަކިބާރެއްކަމަށް އޮތްނަމަވެސް އިދާރީގޮތުން ސުޕްރީމްކޯޓަށް މިނިވަންކަމެއް ނެތްކަމަށް ވިދާޅުވެ ފަނޑިޔާރު ޙުސްނުއް ސުޢޫދު މިއަދު ނުރުހުން ފާޅުކުރަށްވައިފިއެވެ.

ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ސުޢޫދު ވަނީ ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅޭ ޤަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންތޯ އައްސަވައި ޖޭއެސްސީއަށް ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.

އެގޮތުން ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަނު ނުވެ ދެއަހަރު ވެފައިވާ ކަމަށާއި އެކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ. އަދި އެކަމުގެ ޒިންމާ ނަގަންޖެހެނީ ކޮން ފަރާތަކުންތޯ ސުޢޫދު ސުވާލު އުފެއްދެވިއެވެ.

“މިހެން އާދޭސް ކުރަންޖެހޭ ގޮތަށް މިކަން ބާއްވަންތޯ ޤާނޫނުއަސާސީ ދެކޭ ގޮތަކީ؟ މިހާރު މިވަނީ ދެއަހަރު، ދެއަހަރުވީއިރު ސުޕްރީމް ކޯޓަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސެކެޓަރީ ޖެނެރަލަކު ނުވަތަ އިދާރީ ހިންގުމުގެ އެންމެ އިސް މުވައްޒަފަކު އައްޔަނު ނުކޮށްގެން މި އުޅެނީ، ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މިތިބީ؟” ސުޢޫދު ވިދާޅުވިއެވެ.

ސުޢޫދު ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޖުޑީޝަރީ ނުހިންގޭ ކަމަށާއި ސުޕްރީމް ކޯޓުގައި 7 ފަނޑިޔާރުން ނޫން މީހަކު ނެތް ކަމަށެވެ.

“ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މީ، ޖޭއެސްސީއަކީ އިދާރީ ހިންގުމުގެ އިސް ފަރާތްވެއްޖެއްޔާ، ކޮން އިރަކުތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބޭނީ، މި ކޯޓަށް މިނިވަންކަމެއް ނެތް މި ކޯޓަށް މުވައްޒަފުން ލާކަށް، ބަޔަކު ދިނިއްޔާ ކައިގެން ބޮއިގެން މި ތިބެނީ، ބަޔަކު ދިނިއްޔާ ފޮތް ފަންސުރު މި ލިބެނީ، ބަޔަކު ދިނިއްޔާ މުވައްޒަފުން މި ލިބެނީ، އެކަމަކު އަޅުގަނޑުމެންނަކީ މިނިވަން ފަރާތެކޭ، ދައުލަތުގެ އެއް ބާރުކަމަށްމި ބުނަނީ، ކިހިނެއްތޯ ސަސްޓެއިން ކުރަނީ މި އާރގިއުމަންޓް.” ޖޭއެސްސީ އަށް ސުވާލުތައް ކުރިމަތި ކުރަށްވަމުން ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

ސުޢޫދުގެ ސުވާލުތަކާ ގުޅިގެން ޖޭއެސްސީގެ ވަކީލުން މިއަދު ވިދާޅުވީ އެ ސުވާލަށް މިވަގުތު ޖަވާބުދާރީވާން ދަތިކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލާ އެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ވަނީ ޖޭއެސްސީގެ ދަށަށް ބަދަލު ކޮށްފައެވެ. އޭގެކުރިން ޑީޖޭއޭ ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަން ވެސް މިހާރު ކުރިއަށް ދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން