ރާއްޖޭގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަނެއްކާވެސް އަހަރުގެ ފަހުކޮޅުން ޑިސެމްބަރު މަހަށް ބަދަލުކޮށް އަހަރުގެ މެދުތެރޭގައި 4 ހަފުތާ ނުވަޔަ މަސްދުވަހުގެ ޗުއްޓީއެއް ދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑެޓު ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

ކެމްޕެއިން ކުރެއްވުމަށް ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ނިލަންދޫގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ، ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރައްވަން ނިންމެވީ ވަރަށްގިނަބައެއްގެ އެދުމުގެ މަތިންކަމަށެވެ. މިހާރު އޮތްގޮތަށް ޗުއްޓީ ބަދަލުވީ ކޮވިޑް19އާ ގުޅިގެން 2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުމަށް އައި ބައެއް ބަދަލުތަކާ ގުޅިގެންނެވެ.

ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމާއެކު ގެއްލުނު ދުވަސްތައް ޖެހިގެން އައި އަހަރުގެތެރެއިން ފުރިހަމަކުރަންޖެހުމާއެކު 2020ވަނަ އަހަރުގެ ދިރާސީ އަހަރު ނިމުނީ 2021ވަނަ އަހަރުގެތެރޭގައެވެ. އެއާއެކު ސްކޫލް ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުވީއެވެ. އޭގެފަހުން ސްކޫލް ތަކުގެ ބޮޑު ޗުއްޓީ ކުރިއަށް ދަނީ އެގޮތަށެވެ.

މިހެން މިކަން ބަދަލުވީއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އައީ ސްކޫލް ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްދެއްވުމަށް އެދެމުންނެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު މިކަމަށް އެދި ރިސޯޓު މުވައްޒަފުން ރައީސް ޞާލިޙަށްވެސް ހުށައެޅިއެވެ. އަދި އޭރު އެމްޑީޕީންވަނީ މިކަން މިހެން ހަމަޖައްސާނެކަމަށް ބުނެފައެވެ. ކޮވިޑާގުޅިގެން މިބަދަލުއަޔަސް މިއީ ރިސޯޓު މުވައްޒަފުންގެ އެދުން ފުރިހަމަވުންކަމަށް ވެގެންދިޔައެވެ.

ސްކޫލް ޗުއްޓީ އަހަރު މެދުތެރެއަށް ބަދަލުވުމުން ދިމާވަނީ ރާއްޖޭގެ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރާއެވެ. އެއީ ޖޫން، ޖުލައިގެ ދުވަސްވަރެވެ. އެހެންކަމުން ސްކޫލް ޗުއްޓީގައި ރަށްރަށަށް ދާ ދަރިވަރުންނާއި ބެލެނިވެރިންނަށް ގިނަގުނަ ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. ޕިކްނިކް ދިއުމާއި ޗުއްޓީގައި މަޖާކޮށް އުފާކޮށްލުމަށް ރާވާ ގިނަކަންކަން ފުރިހަމަނުކުރެވި ފެއިލްވާ މައްސަލަ ވަރަށްބޮޑެވެ. ބޮޑުޚަރަދުކޮށްފައި އުފާކޮށްލަން ރަށަކަށްގޮސް ޗުއްޓީ ނިމޭއިރު އެއްވެސް ކަމެއް ނުވެ އަންނަންޖެހޭ ޙާލަތުތައް ވަރަށްގިނައިން ދިމާވެއެވެ. މިއާއެކު ސްކޫލް ޗުއްޓީ އަލުން ކުރިއަށް އޮތްގޮތަށް ހަމަޖައްސައިދޭން އެދޭ އަޑުތައް ވަނީ ގަދަވެފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދަކީ މިމައްސަލައަށް ފުރިހަމަ ޙައްލެއް ގެނެސްދެއްވާނެކަމުގެ ވަޢުދެވެ. ފ. ނިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރި ނަމަވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އާއިލާތަކަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް ހަމަޖައްސަވާނެކަމަށެވެ. އެއީ އަހަރުގެ މެދުތެރެއިން ހަތަރު ހަފްތާގެ ޗުއްޓީއެއް ސްކޫލް ދަރިވަރުންނަށް ލިބޭނެ ގޮތް ހަމަޖެއްސެވުންކަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން