އެމްޕީއެލްގެ 8.7 މިލިޔަން ރުފިޔާގެ ތެލުގެ ޚިޔާނާތާ ގުޅިގެން ވަޒީފާއިން ވަކިކުރި އެކުންފުނީގެ ޗީފް މެނޭޖަރަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުމުގެ ބަދަލުދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ބާޠިލްކޮށް ނޮމިނަލް ބަދަލެއްގެގޮތުގައި އޭނާއަށް 1 ރުފިޔާ ދިނުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގެ މައްސަލައަކީ 2020ވަނަ އަހަރުގެތެރޭގައި ހިނގާފައިވާ ކަމެކެވެ. އެމައްސަލަ އެކުންފުނިން ބެލުމަށްފަހު އެކަމުގައި ޗީފް މެނޭޖަރ ސ.ފޭދޫ ވާރުގެ މުހައްމަދު އައިމަން ބައިވެރިވާކަމަށް ވަނީ ނިންމާފައެވެ. އަދި އެމްޕީއެލްއިން މައްސަލަބެލުމަށްފަހު ވަނީ އައިމަން ވަޒީފާއިން ވަކިކޮށްފައެވެ. އެއީ 23 މާރިޗް 2021 ގައެވެ.

އައިމަން ވަޒީފާއިން ވަކިކުރުމުން އެއީ ޤާނޫނާ ޚިލާފަށް އެމްޕީއެލްއިން ކުރިކަމެއްކަމަށްބުނެ އޭނާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ. 2021ވަނަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހު އޭނާ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ އޭނާ ވަޒީފާއިން ވަކިކުރީ ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަނުކޮށްކަމަށާ، އެހެންކަމުން އެވަޒީފާއިން އޭނާ ވަކިނުވާކަމަށް ކަނޑައަޅައިދިނުމަށެވެ. ވަޒީފާ ޢިއާދަކޮށްދިނުމާއެކު ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް އޭނާވަނީ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ.

ޓްރައިބިއުނަލުން ވަނީ މި މައްސަލަ، އައިމަންއާ އެއްކޮޅަށް ނިންމާފައެވެ. އަދި އޭނާގެ ވަޒީފާ އިއާދަކުރުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިމުމާ ހަމައަށް، އޭނާއަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށްވެސް ޓްރައިބިއުނަލުން ކަނޑައަޅައި އެންގިއެވެ.

އެހެންނަމަވެސް އެމްޕީއެލްއިން ވަނީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ނިންމީ އައިމަންއާ ދެކޮޅަށެވެ. ހައިކޯޓުން ވަނީ ޓްރައިބިއުނަލުން ނިންމި ނިންމުން ބާޠިލްކޮށްފައެވެ. އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގައި އައިމަން ބައިވެރިވުމާއި އިހުމާލު އޮތްކަމަށާ، މެނޭޖަރެއްގެ މަޤާމުގައި ހުރެގެން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާ ފަރުވާކުޑަކޮށްފައިވާކަމަށްވެސް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.

އެހެންކަމުން ޓްރައިބިއުނަލްއިން ނިންމިގޮތަށް އައިމަންގެ ވަޒީފާ އަލުން އިއާދަކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އަދި އައިމަން ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން އޭނާއާ އެއްކޮޅަށް މައްސަލަ ނިންމުމާހަމައަށް މަހު މުސާރައިގެގޮތުގައި ކޮންމެ މަހަކު އޭނާއަށް ދޭން ޖެހޭ މުސާރައެއް އަދި އިނާޔަތެއް ނެތްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި ނެތްކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައި ވާތީ ނޮމިނަލް ބަދަލެއްގެ ގޮތުން އެއްރުފިޔާގެ ބަދަލެއް އައިމަންއަށް ނަގައިދިނުމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން