ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމަކީ ފަނޑިޔާރުންގެ ޒިންމާއެއްތޯ އައްސަވައި ހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ހިތްހަމަނުޖެހުން ފާޅު ކުރަށްވައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ބޭއްވި އަޑުއެހުމެއްގައި ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ޝަރީއަތް ހިންގުން ލަސްވާ ވާހަކަ ދައުލަތުން ދައްކަންވާނީ ޝަރީއަތް ކުރާނެ ރަނގަޅު މާޙައުލެއް ފަނޑިޔާރުންނަށް ތަނަވަސްކޮށް ދިނުމަށްފަހު ކަމަށެވެ.

އިސްތިއުނާފް އަޑުއެހުމުގައި ދަޢުލަތުގެ ވަކީލް ވިދާޅުވެފައިވަނީ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލީ މައްސަލައިގައި ގިނަ އަދަދެއްގެ ހެކި ހުރިއިރުވެސް ކޯޓުގެ ޖާގައިގެ ދަތިކަމާ ހެދި މައްސަލަ އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ. ނަމަވެސް އެޙާލަތު އެގޮތަށް އޮތުމަކީ މީހަކު ބަންދުން ދޫކޮށްލެވޭނެ ޤާނޫނީ ސަބަބެއް ނޫންކަމަށް ދަޢުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޖިނާއީ ހުރިހާ މައްސަލަތައް ހުށައަޅާ ކްރިމިނަލް ކޯޓުގެ އެއްބައި އޮތީ ވެއްޓިފައި ކަމަށެވެ. އަދި ޝަރީއަތް ހިންގުމަށް ކޯޓުތަކަށް ދޭންޖެހޭ އެންމެހާ އެއްބާރުލުމެއް ދިނުމަށް ދައުލަތުގެ މައްޗަށް ގާނޫނުން ލާޒިމުކޮށްފައި އޮންނާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"ގާނޫނުގެ ރޫހަކީ އަވަހަށް ޝަރީއަތް ހިންގުމޭ ކިޔާފައި ޝަރީއަތް ކުރެވޭނެ ގޮތެއް ހަދައިނުދީ، އެގޮތަށް އައިސް ހައި ކޯޓުގައި ވަކާލާތު ކުރިޔަސް، އަޅުގަނޑުމެން ކޮން ފަރުވާއެއްތޯ ދޭނީ؟ އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ؟ ޝަރީއަތުގެ މާލަން ބިނާކުރަން ދާންވީ ފަނޑިޔާރުންތޯ؟" ނިޔާޒު ދަޢުލަތަށް ސުވާލު ކުރެއްވިއެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ޝަރީއަތް ކުރެވޭނެ ގޮތެއް ނެތި ބަޔަކު މީހުން ބަންދުގައި ބައިތިއްބާނެ ހަމައެއް ނެތްކަމަށާއި، ކްރިމިނަލް ކޯޓުގެ އެއްބައި ވެއްޓިފައި އޮތުމުން އެކޯޓުގައި ޝަރީޢަތްތައް ކުރިއަށް ގެންދަނީ ޑިއުޓީ ބަހައިގެން ކަން ދަޢުލަތަށްވެސް އެނގިލައްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ ލޯކަލް މާރުކޭޓް ސަރަހައްދުގައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގައެވެ. އެ އިމާރަތަކީ ވަރަށް ބޮޑަށް ބާވެފައި ހުރި އިމާރާތެކެވެ. ޖޭއެސްސީން ކުރިން ބުނެފައިވަނީ ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ހުޅުމާލޭގައި ކޮވިޑް ފެސިލިޓީ ހިންގި ޢިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން