ފަށްކަނޑަން ކައިވެނިކުރި ދެމީހަކު 5000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފެމިލީ ކޯޓުން ބުނީ، އެކޯޓަށް ވަރި ސާބިތުކުރުމަށް އެދި ހުށަހެޅުނު މައްސަލައެއްގައި ހިމެނޭ ދެފަރާތް، ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި، ދެފަރާތުން ކުރެ ކޮންމެ ފަރާތެއް ފަސް ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެފަރާތްތައް ޖޫރިމަނާކޮށްފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަމަށް ފެމިލީ ކޯޓުން މަޢުލޫމާތު ދެއެވެ.

"މިފަދައިން ނިންމުމުގައި މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ތިންފަށްވެފައި ވަނިކޮށް ކައިވެނިކޮށްފައިވުމާއި، ކާވެނީގެ ޢަޤްދުވުމުގެ ކުރިންނާއި އޭގެފަހުން ދެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށާއި ކާވެނީގެ ޢަޤްދުގެ މަތީގައި ހޭދަކޮށްފައިވާ ވަގުތަށާއި، ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން، ދެމީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިވެއެވެ." ފެމެލީ ކޯޓުން މީޑިއާއަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ.

ފެމެލީ ކޯޓުން ބުނީ މިކުށާއި ގުޅިގެން ޖޫރިމަނާގެ އަދަބު ކަނޑައަޅާފައިވަނީ، ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ދެފަރާތުން ރާވައިގެން ކައިވެނި ކޮށްފައިވާކަން އެނގޭތީ ކަމަށެވެ.

ޢާއިލާއާ ބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގައި ވާގޮތުން، ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި، މީހަކު ބުނެގެން، ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެކެވެ. އަދި އެކުށަށް ކަނޑައަޅަންޖެހޭ އަދަބު ވެސް އެމާއްދާގައި ބަޔާންކޮށްފައި ވެއެވެ.

ފަށްކެނޑުމުގެ ނިޔަތުގައި ކައިވެނިކުރިކަން ސާބިތުވުމުން މީގެކުރިންވެސް ރާއްޖޭގެ ކޯޓުތަކުން ވަނީ އެފަދަ ފަރާތްތަކަށް އަދަބު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން