"ސިފްކޯހިޔާ" ފްލެޓްތަކުގެ މަސައްކަތް ނިންމައި، ފްލެޓްތައް އެލޮކޭޓްކުރުމުގެ މަސައްކަތް ނުވަތަ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމުގެ މަސައްކަތް ދެތިން ދުވަސްތެރޭގައި ފަށާނެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މީގެ 10 އަހަރުކުރިން ފެށި "ސިފްކޯ ހިޔާ" މަޝްރޫޢު ނިންމައި، އެތަން ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދައްކާލާފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ފްލެޓްތައް އެލޮކޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މިއީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިންގާއެޅި މަޝްރޫޢެކެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގު ދެމިގެން ދަނިކޮށް، މަޝްރޫޢު ބާރު ސްޕީޑްގައި ގެންގޮސް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުއެވެ.

"މިހާރުވަނީ "ސިފްކޯ ހިޔާ"ގެ ތިން ޓަވަރުގައި މީހުން ދިރިއުޅެވޭ ވަރަށް އެތަނުގެ ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިމިފައެވެ. އެގޮތުން ތިން ޓަވަރުގެ ޕާމަނަންޓް ކަރަންޓާއި ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ފްލެޓުތަކުގެ ލިފްޓްތައް ސަރވިސްއަށް ގެނެވިފައިވާއިރު، އިންޓަނެޓާއި ޓީވީގެ ޚިދުމަތް ދިނުމަށް ދިރާގާއި އުރީދޫއާއި އެސްއެސްނެޓްގެ އިތުރުން މީޑިއާނެޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފްލެޓްގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަށްޓަކައި، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިވުމުގެ ގޮތުން، ބޭނުންވާ ހުރިހާ ސަލާމަތީ ވަސީލަތްތައް ވެސް ވަނީ ހަރުކުރެވިފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

ސިފްކޯ ހިޔާގެ މަޝްރޫޢު ނިމުމާއެކު ސިފައިންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ އުނދަގޫ ދަތި ހާލަތަށް، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށާއި، ސިފްކޯ ހިޔާ ވެގެންދާނީ ސިފައިންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަމާއެކު ދިރިއުޅެވޭނެ ފަދަ ހިތްގައިމު މާހައުލަކަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

"ސިފްކޯ ހިޔާ"ގެ ފްލެޓްތައް ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދައްކާލުމަށް އިއްޔެ ބޭއްވި އިވެންޓްގައި ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން