ފުލުހުންގެ ބެލުމުގެދަށުގައިހުރި 368 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ނައްތާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މަސްތުވާތަކެތި ނައްތާލާފައިވަނީ ދޫނިދޫގައި ކަމަށެވެ. އެގޮތުން މިއަދު ނައްތާލާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 232 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

"މިއަދު ނައްތާލާފައިވަނީ 1509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ 4405 އެވިޑެންސެވެ." ފުލުހުން ބުނެފައިވެއެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1495.97 ގްރާމް އެމްޑީއެމްއޭ އާއި، 37953.49 ގްރާމް މެތް އާއި، 90860.86 ގްރާމް މޯފިން އާއި، 30266.87 ގްރާމް ކެނަބިނޯލް އާއި، 17830.90 ގްރާމް ކޮކެއިން އާއި، 0.1142 ގްރާމް އެލްއެސްޑީގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 54145.42 ގްރާމްގެ މަސްތުވާތަކެއްޗެވެ. އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ ތަކެތިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލާ ކަމަށެވެ.

އެގޮތުން މި މަސްތުވާތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން