އަހުމަދު އިބްރާހިމް   7 ސެޕްޓެމްބަރު 2023 - 14:34
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚު އަލީ ޒައިދުވެސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމަވައިފިއެވެ.

ޝައިޚު ޒައިދު ޑރ. މުއިއްޒުއަށް ތާއީދު ކުރެއްވިކަން ހާމަކުރަށްވައި މިއަދު ވަނީ ޓުވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާގެ ތާއީދު އޮތީ ޑރ. މުޢިއްޒަށް ކަމަށެވެ. މިގޮތަށް މިނިންމެވީ މިވަގުތު ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ. މުޢިއްޒު ކަމުގައި އޭނާއަށް ޤަބޫލުކުރެވޭތީކަމުގައި ޒައިދު ވިދާޅުވެފައިވެއެވެ. އަދި އޭނާގެ ދުޢާއަކީ ﷲ ތަޢާލާ ހެޔޮތައުފީޤު ދެއްވުންކަމަށް ވިދާޅުވެފައިވެއެވެ.

ޝައިޚު ޒައިދަކީ މިހާތަނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފިކުރާ ޚިޔާލު ތަފާތު ދީނީ ޢިލްމުވެރިއެކެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވުމާއި ރައީސް ޞާލިޙަށް ތާޢީދުކުރައްވައި ވަރަށް އެކްޓިވްކޮށް އުޅުއްވި ބޭފުޅެއްގެ ގޮޕޮތުގައި ޝައިޚް ޢަލީ ޒައިދު ފާހަގަކުރެވެއެވެ.



ޝައިޚް ޢަލީ ޒައިދު ޑރ. މުޢިއްޒަށް ތާއީދު ކުރެއްވި ސީދާ ސަބަބެއް ވިދާޅެއް ނުވެއެވެ. ރައީސް ޞާލިޙުގެ ސަރުކާރުގެ ކަންކަން ކުރިއަށްދަނީ ވަރަށް ރަނގަޅަށްކަމަށް މިހާތަނަށް ވިދާޅުވަމުން އައި ބޭފުޅަކު އަދި ދީނީގޮތުން ރައީސް ޞާލިޙަކީ ޢިލްމުވެރިންގެ ބަސް ޤަބޫލުކުރައްވާ ޚުލްޤުހެޔޮ ބޭފުޅެއްކަމަށް ވިދާޅުވަމުން އައި ބޭފުޅަކު ކުއްލިއަކަށް އިދިކޮޅު ކެންޑިޑެޓަށް ތާޢީދުކުރައްވައި އެކަން ޢިއުލާންކުރެއްވުމުން ގިނަބަޔަކު އެކިކަހަލަ ސުވާލުތައް އުފައްދައެވެ.

ޝައިޚް ޢަލީ ޒައިދު ޑރ.މުޢިއްޒަށް ތާޢީދުކުރެއްވުމުން ޕީޕީއެމްގެ އެޑްވައިޒަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އޭނާއަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ. އަދި ޝައިޚް ޢަލީ ޒައިދާމެދު ފަޚުރުވެރިވާކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

ޝައިޚް ޒައިދު މުޢިއްޒަށް ތާއީދު ކުރަށްވަން ނިންމެވި ނަމަވެސް އޭނާގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޑރ. އިޔާޒު ތާއިދު ކުރަށްވަނީ ރައީސް ޞާލިހަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން