ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ގިނަ ޢަދަދެއްގެ ރުފިޔާ ފޭރިގެންފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ފޭރުމުގެ އެފަދަ ހަ މައްސަލަ އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި 35،000 އަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިޢަމަލުކުރާ މީހުން އަމިއްލަ ފޭސްބުކް އެކައުންޓުގެ ޕާސްވޯޑް ރީސެޓް ކުރުމަށް ކަމަށް ބުނެ އެހެންމީހުންނަށް ގުޅައި، ގުޅާމީހުންގެ ފޯނަށް އޯޓީޕީ ކޯޑް ފޮނުވުމަށްފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ އެގޮތަށް ގުޅާމީހުން، އެ ނަމްބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަމްބަރެއްކަމަށާއި، ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރަން ވެގެން ނަމްބަރު ދޫކޮށްލީ ކަމަށް ބުނާ ކަމަށެވެ. ހަމައެއާއެކު ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް ހުށައަޅަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެދިފައިވަނީ އަމިއްލަ ނަމްބަރަށް އެގޮތަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. އަދި ފޭސްބުކް މެސެންޖާ އިން ނުވަތަ ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ ދައްކާ މީހުންގެ ކިބައިން ސަލާމަށްވެ ރައްކާތެރިވެތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން