އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ގޭބަންދުގައި މިވަގުތު ހުންނެވި ރައީސް ޔާމީން މިމޭރުމުން ވިދާޅުވީ، ޕީޕީއެމްގެ ސަޕޯޓަރުންނާ މުޚާތަބު ކުރަށްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބާތިލު ކުރި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމަކީ ވަރަށް ހިތާމަ ކުރެއްވި ކަމެއް ކަމަށާއި، އޭގެއިތުރުން އެމަނިކުފާނުގެ އިސްތިއުނާފުގެ މައްސަލަ ލަސްވެގެން ދިޔައީ އިއްތިފާގަކުން ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ރޭވެސް ވިދާޅުވީ، އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނުގެ ހަށިކޮޅުގައި އަތްނުލެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރަށް ވެސް އަދި އެހެން ބަޔަކަށް ވެސް އާދޭސްކުރަން ބޭނުންފުޅު ނުވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޝަރުޢީ ދާއިރާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން ކަފާލާތުގެ ދަށުން ސިޔާސީ ލީޑަރުން ދޫކޮށްލާފައިވާކަމަށާއި ނަމަވެސް އެ މަނިކުފާނާ ޖެހުމުން ކަފާލާތަކީ ދަންނަ އެއްޗަކަށް ވެސް ކޯޓުތަކަށް ނުވި ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް މަޑުޖެހިފައިވާއިރު، އެންމެ ފަހުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް އަންނަ އާދީއްތަ ދުވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެކަން ކޯޓުން މިހާރުވަނީ ހާމަކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ. އަދި ދެން އޮންނާނީ އެންމެ ފަހުން ދައުލަތުން ދެއްކި ވާހަކަތަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމަށް ފަހު ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އޭގެ ފަހުން އޮންނާނީ ހުކުމް ކުރުމެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަލީ

17-Oct-2023

ކިތަންމެ މައުސޫމަސް އެތައް މިލިއަމް ޑޮލަރެއް އަމިއްލަ އެކައުންޓައް ނުވަންނަކަމަކަށް ނުހެދޭނެ. ހައްޕު



ޓްރެންޑިން