އެމްއެމްޕީއާރްސީ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ އިސްތިޢުނާފް އަޑުއެހުން މިއަދުވެސް ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޕީޖީން އެގޮތަށް ހައިކޯޓުގައި އެދުނީ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ބައެއް ވަކީލުންނަށް ހާޒިރުވެ ވަޑައިގެންނެވެން ނެތުމުން ކަމަށްވެއެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތް ކާމިޔާބީއާއެކު ސަރުކާރުންވަނީ ރައީސް ޔާމީންގެ ޙުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުން އެމަނިކުފާނުގެ ގެޔަށް ބަދަލުކުރަށްވާފައެވެ. ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް މަޑުޖެހިފައިވާއިރު، އެންމެ ފަހުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ. އަދި ދެން އޮންނާނީ އެންމެ ފަހުން ދައުލަތުން ދެއްކި ވާހަކަތަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމަށް ފަހު ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އޭގެ ފަހުން އޮންނާނީ ހުކުމް ކުރުމެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން