ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރުގެ ޝަރީޢަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި މިއަދު 9:00 އަށް ތާވަލުކުރި އަޑުއެހުންވެސް ކްރިމިނަލް ކޯޓުންވަނީ ކެންސަލްކޮށްފައެވެ. އާޒިމާއަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ކެންސަލްކޮށްފައިވަނީ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އާޒިމާގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުއްވުމާ ގުޅިގެނެވެ.

މި މައްސަލާގައި އާޒިމާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އޭނާއަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިއީ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ކޮށްފައިވާ ދައުވާއެއްކަން އާޒިމާ ފާހަގަކުރަށްވާފައިވެއެވެ. އޭގެ އިތުރުން ދައުލަތުން އިއްވާފައިވާ ދެ ދައުވާއަށްވެސް އާޒިމާ ވަނީ އިންކާރު ކުރަށްވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 22 މެއި 2023 ގައެވެ.

އާޒިމާގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ގއ. ވޮޑަމުލާ މައްސަލާގައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިނަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯންޑަރ ކުރެއްވި ކަމުގެ ކުށް ދަށުކޯޓާއި ހައިކޯޓުގައި ސާބިތުވި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އާޒިމާ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތް ކުރަށްވައި، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އާޒިމާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާޒިމާގެ މައްޗަށް، މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލާފައިވާ އިރު އެ މައްސަލަ ސާބިތުވެއްޖެ ނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާކުރާާނެއެވެ. ނުވަތަ ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލުމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވާ އިރު އެ މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން