ދިވެހިންނާއި ކައިވެނިކޮށް، ދިގު މުއްދަތެއް ވެފައިވާ ބިދޭސީންނަށް ލުއި ގޮތްތަކެއް އޮންނަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެން އެކަމުގެ ބަހުސް ޢާއްމުންގެ މެދުގައި ބޮޑުވެފައިވާތީ އެކަމާ ގުޅިގެން ޢަލީ ނިޒާރު ވަނީ އެކަމާމެދު އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރަށްވާފައެވެ.

ޢަލީ ނިޒާރު ވިދާޅުވީ، ދިވެއްސަކާއި ކައިވެނިކޮށްގެން 35 އަހަރު ވެފައިވާ ބިދޭސީން ރާއްޖޭގައި އުޅެމުންދާ ކަމަށާއި، އަދި އެމީހުންގެ ދަރިން މީހުންނާ އިނދެ ކާފަކިޔާ ޢުމުރަށް ދާއިރުވެސް ޢާއިލާ ކައިރީގައި ހުރުމަށް ބިދޭސީ މީހާ ވިސާ ޖައްސަން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް އެކަން އޮންނަންވާނެ ކަމަށް ވިސްނޭ ނަމަ އެއީ ގޯސް ވިސްނުމެއްކަމަށް އޭނާ ވިދާޅުވިއެވެ.



ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ރެސިޑެންސް ވިސާދެނީ، އެތައް އަހަރެއް ވަންދެން އެތަންތަނުގައި އިންވެސްޓްމަންޓް ތަކާއި ވިޔަފާރިކޮށް، ނުވަތަ އެޤައުމަކަށް ބޭނުންވާ ޢިލްމާއި ހުނަރު ހުރެގެން ޤަވާއިދުން އެތައް އަހަރަކު އެޤައުމެއްގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ.

ރާއްޖޭގައި ރެސިޑެންސް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލާމެދު ބައެއް ޢާއްމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެތެރެއިން އެކަކު މީސް މީޑިއާގައި ބުނެފައިވަނީ، މާލޭގައި ވިހައި ބޮޑުވާ ރާއްޖޭގެ އެހެން ރަށްރަށުން އައިސް ކުއްޔަށް މާލޭގައި އުޅޭތާ ތިރީސް އަހަރުވީ މީހުންގެ ދަރީންވެސް މާލޭ މީހުނަށް ނުވާ ކަމަށާއި، ދަފްތަރުގައި ޖެއްސިއަސް ގޯތި "ހައްގުވާ" ފެންވަރުގެ އަސްލު މާލޭ ރައްޔިތުންނަށް ނުވާ ކަމަށެވެ.



ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ރައީސް ނަޝީދު ހުށަހެޅުއްވީ ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށާއި، 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށެވެ.

އެ އިސްލާހާ ގުޅިގެން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ވިދާޅުވެފައި ވަނީ ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފަށާފާނެ ކަމަށާއި ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

އިމިގްރޭޝަންގެ ޤާނޫނަށް އެ އިސްލާޙް ގެނައުމުގެ މައްސަލާގައި ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު