އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ޙުސައިން މަނިކުގެ އެޕާޓްމެންޓެއް ވިއްކާލުމުގެ ހުއްދަ، ސިވިލް ކޯޓުން އެ ބޭންކަށް ދީފި އެވެ.

ކޯޓުން މިނިންމުން ނިންމާފައިވަނީ ހުޅުމާލޭ، ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމެންޓެއް ރަހުނުކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނިހާން ނަންގަވާފައިވާ ލޯނެއް ދައްކަވަމުން ނުގެންދެވުމާއި ގުޅިގެންނެވެ.

މި މައްސަލާގައި ބޭންކުން ސިވިލް ކޯޓުގައި އެދިފައިވަނީ ބޭންކުން ނިހާނަށް ދީފައިވާ 4،023،314.19 ރުފިޔާގެ ލޯނުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާ ޚަލާސްކޮށްފައިނުވާތީ ރަހުނުކުރި އެޕާޓްމެންޓް ވިއްކާލުމުގެ ހުއްދަ އަށެވެ. އަދި ކޯޓުން ވަނީ ހަމަސް ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ނުކޮށްފިނަމަ އެޕާޓްމެންޓް ވިއްކާލުމުގެ ހުއްދަ ދީފަ އެވެ.

ސިވިލްކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ކުރިއަށް ގެންދިޔަ މި މައްސަލާގައި ކޯޓުގެ ޗިޓާއި ހަވާލުވި ނަމަވެސް ނިހާން ކޯޓަށް ހާޒިރުވެފައި ނުވާތީ މައްސަލާގައި ހުކުމްކޮށްފައި ވަނީ ނިހާނުގެ ޣައިރު ހާޒިރުގައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ކުރީގެ ނައިބުރައީސް އަދީބު މެދުވެރިވެގެން 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ހިމެނެއެވެ.

އަދި ނިހާންގެ ރޮލެކްސް ގަޑިއާއި، އޭނާ ރިޝްވަތާއި މަނީ ލޯންޑަރ ކޮށްގެން ހޯދާފައިވާ ފައިސާއާއި ފްލެޓް ދައުލަތަށް ނަގައިދިނުމަށް ދަޢުލަތުން ކޯޓުގައި އެދިފައިވެއެވެ.

ނިހާނަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރެވެ. ނަމަވެސް ވެެރިކަން ބަދަލުވި ފަހުން ނިހާން ވަނީ ޕީޕީއެމުން ވަކިވެ، ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ. އަދި މިހާރު އޭނާވަނީ ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމަށް އައްޔަނުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން