އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު
އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު
ފަތުރުވެރިކަމުގެ ވުޒާރާއާއި، އިޤްތިޞާދީ ވުޒާރާ ހިންގެވުމަށް މިވަގުތު ފުލްޓައިމް ވަޒީރުން ނެތުމަކީ ދެރަކަމެއް ކަމަށް އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯ ބިލީފް ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ދަޢުލަތުގެ ވަޒީރު ކަމާއި، ދަޢުލަތުގެ އިސް މަޤާމުތަކެއް އަދާކުރަށްވާފައިވާ ޑރ ޝަހީދު ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ޤައުމުގެ އިޤްތިޞާދާއި، ފަތުރުވެރިކަން ފުނޑުފުނޑުވެފައިވާ މި ދަނޑިވަޅުގައި އެ ދެވުޒާރާގައި ފުލްޓައިމް ވަޒީރުން ނެތް ކަމަށެވެ. މިއީ ދެރަކަމެއްކަން ފާހަގަކުރައްވައި ޑރ. ޝަހީދު ވިދާޅުވީ، މިއީ އިހުމާލެއް ކަމަށް ބެލުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.



ޑރ. ޝަހީދުގެ ޓްވީޓާ ގުޅިގެން މިވަގުތު އިޤްތިޞާދީ ވުޒާރާ އާއި، ފަތުރުވެރިކަމުގެ ވުޒާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި ފައްޔާޒް އިސްމާޢީލްގެ ބޭބެ، އިބްރާހިމް އިސްމާޢީލް (އިބްރާ) ވަނީ އެމަޤާމްތަކަށް ލާންވީ ކޮންބައެއްތޯ ވިދާޅުވެ ޑރ ޝަހީދު އަރިހުން ސުވާލު ކުރަށްވާފައެވެ.

އިބްރާއަށް ޖަވާބު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ، "ނަސީބަކުން ތިޔައީ އަޅުގަނޑުމެން ދެމީހުން ނިންމަންޖެހޭ ކަމެއް ނޫން ދެއްތޯ! ފުލްޓައިމް ޤާބިލް މީހަކު ފަތުރުވެރިކަމާބެހޭ ވަޒީރަކަށް ކޮންމެހެންވެސް ހުންނަން ޖެހޭ ކަމަށް ޤަބޫލުކުރަން،" ކަމަށެވެ.

ފަހަކަށް އައިސް ސަރުކާރުގެ ތެރޭގައި އިޤްތިޞާދީ ވަޒީރު ފައްޔާޒްގެ ނުފޫޒު ވަރަށް ގަދަ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ ބައެއް ޢާއްމު މެމްބަރުންވެސް ދަނީ ކުރަމުންނެވެ. އަދި ފައްޔާޒަކީ މިސަރުކާރުގައި އުފެދެމުން އަންނަ "ބްރޯ"އެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވަނީ، ރެސިޑެންޓް ވިސާގެ މައްސަލާގައިވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ޢާއްމު ރައްޔިތުންނަށާއި، ޤައުމުގެ އަސާސީ މަސްލަޙަތަށް ނުބަލައި ދާއިމީ ރެސިޑެންސީ ދިނުމަކީ ކުރާވަރުގެ ކަމެއް ނޫން ކަމަށެވެ.



"އެހެން ނޫނީ ކެމްޕޭނަށް ފަންޑް ދޭ މީހުންނާއި، މަނީ ލޯންޑަރ ކުރާ މީހުންނަށް އެން އުކާހެން ޕާމަނަންޓް ރެސިޑެންސީ އުކާނެ" ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަން ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި 10 އަހަރަށް ރާއްޖެއިން ގެއެއް ކުއްޔަށް ހިފާ މީހަކަށް ރެޒިޑެންޓް ޕާމިޓު ދިނުމަށް ވަނީ ހުށައަޅުއްވާފައެވެ. މީގެއިތުރުން އެއްލައްކަ ރުފިޔާއަށްވުރެ މަތީގެ އިންވެސްޓެއް ކުރާ ފަރާތްތަކަށާއި، ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށްވެސް ރެސިޑެންޓް ވިސާ ދޭން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވެއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އެ އިސްލާހާއި ދެކޮޅު ހަދާފައިވާއިރު ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި އާންމު ގިނަ ރައްޔިތުން ވެސް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން