ބޮޑު ފިނޮޅު އޮޕަރޭޝަން
ބޮޑު ފިނޮޅު އޮޕަރޭޝަން
މިމަހުގެ ދެވަނަ ދުވަހު، ބ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ، ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި 19 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ ޖުލައި ތިން ވަނަ ދުވަހު ހައްޔަރުކުރި 19 މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތު އިތުރު ކޮށް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ހުއްދަ ދީފައި ވާހަކަށެވެ.

ބޮޑުފިނޮޅުގައި 12 ދިވެއްސަކު ރަހީނުކޮށް، ހިންގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ 19 ބިދޭސީއެއްގެ ބަންދަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ޖަހާފައިވަނީ ޓެރަރިޒަމާއި މަރާމާރީ ހިންގުމާއި ވައްކަމުގެ ތުހުމަތުގައެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަން ގެނެސްފައި ތިބި ބިދޭސީން އެ ރަށުގައި ހަމަނުޖެހުން ހިންގައި އެރަށުގައި މަސައްކަތް ކުރި ދިވެހިން ތަކެއް ރަހީނު ކުރީ މި ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. އެ ހަމަނުޖެހުމުގައި ދިވެހިން ރަހީނު ކުރުމުގެ އިތުރުން، އެރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތައް އެމީހުން ވަނީ ދީފައެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެރަށަށް ދިޔަ ފުލުހުންނަށް ޙަމަލާދީ ހަމަނުޖެހުން ހިންގުމުގެ ސަބަބުން 2 ފުލުހަކަށް އަނިޔާވެސް ވެފައި ވެއެވެ.

މި މައްސަލާގައި ބިދޭސީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ބ. ބޮޑުފިނޮޅުގައި ހިނގައި ދިޔަ ހާދިސާތަކުގައި ބިދޭސީންނަށް އަނިޔާވެރިވުމުގެ ގޮތުން ބިދޭސީންގެ ފުރާނައަށް ގެއްލުން ދިނުމަށާއި ބިދޭސީންގެ ފުރާނައަށް ގެއްލުމެއް ކުރިމަތިކުރުވުމަށާއި ބިރު ދެއްކުމާއި، ގޭންގު ހަދައިގެން ޓެރަރިޒަމް ކުށްކުރަން އުޅުމާއި މުސާރަ ނުދީ ބިދޭސީން ޑީޕޯޓުކޮށްލާނެ ކަމަށާއި ބިދޭސީންނަށް ހަމަލާދީ ކަރު ބުރި ކޮށްލާނެ ކަމަށް ބުނެފައިވާކަމަށް ސީލް މޯލްޑިވްސްގެ ތިން މީހެއްގެ މައްޗަށް އެ ބިދޭސީން ތުހުމަތު ކުރާ ކަމަށެވެ.

އަދި ބިދޭސީންގެ ފަރާތުން މިހާތަނަށް ކިޔާދީފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލާގައި ހައްޔަރުކުރެވިފައިވާ ބިދޭސީންނަކީ ހައްޔަރުގައި ތިބެންޖެހޭ ބައެއްނޫން ކަމާއި، ބަންދުގައި ތިބެންޖެހޭ މީހުންނަކީ ބިދޭސީންގެ ފުރާނައަށް ނުރައްކާ ކުރިމަތިކުރުވުމަށް މަސައްކަތްކުރި މީހުންކަން އެނގެން އޮންނާތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ބަންދުކުރެވިފައިތިބި 19 ބިދޭސީންގެ ބަންދު ރިވިއުކޮށްދެއްވުމަށް ޕީޖީގެ އަމިއްލަ އިސްނެންގެވުމަށް ކޯޓަށް ހުށަހަޅުއްވައި ދެއްވުމަށާއި، ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ބ. އޭދަފުށީ ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ފޯމުގައި ސައްހަނޫން މައުލޫމާތު ހިމަނާފައިވާތީ އެކަންވެސް ވަކިން ތަހްގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން