އުސޫލާ ހިލާފަށް ކާރެއް ނައްތާލުމުން، ބަދަލުގެ ގޮތުގައި 250،000 ރުފިޔާ ދިނުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން ފުލުހުންނަށް މިފަދަ އަމުރެއް ކޮށްފައިވަނީ ފުލުހުން ޓޯކުރި ކާރެއް ނައްތާލުމުގައި އުސޫލާ ޚިލާފަށް ޢަމަލު ކޮށްފައިވާތީއެވެ. އެގޮތުން ކާރުގެ ވެރިފަރާތުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ އެދި ފުލުހުންގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

މި މައްސަލާގައި ކާރުގެ ވެރިފަރާތް ކަމަށްވާ މުހައްމަދު ނާޒިމް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ވަނިކޮށް، 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަަނަ ދުވަހު ފުލުހުން ވަނީ ނާޒިމްގެ ކާރު ޓޯކުރުމަށްފަހު ނާޒިމަށް ނާންގައި 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ކާރު ނައްތާލައިފައެވެ.

ފުލުހުން ކާރު ޓޯކޮށްފައިވާކަމުގެ އިއުލާން ޝާއިއު ކޮށްފައިވަނީ ކާރު ނައްތާލި ފަހުން ކަމަށް ކާރުގެ ވެރިފަރާތުން ކޯޓުގައި ވަނީ ބުނެފައެވެ. އަދި ފުލުހުން ކާރު ޓޯކުރީ ވައިދެރިޔާ ހިނގުމުގެ ޒޯންގައި ޕާކު ކޮށްފައި ވަނިކޮށެވެ.

މި މައްސަލާގައި ކާރުގެ ވެރިފަރާތުން ބުނެފައިވަނީ ޖަލު ބަންދުގައި ތިބޭ މީހުންނަށް އިންޓަނެޓްގެ ޚިދުމަތް ނުލިބޭ ކަމަށެވެ. އަދި "އެއްގަމު ދަތުރުފަތުރުގެ" ގާނޫނުގެ ދެވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް 24 ގަޑިއިރުގެ ތެރޭގައި ޓޯކުރި އުޅަނދުތަކުގެ މައުލޫމާތު ހާމަކުރަންޖެހޭއިރު އެކަން އެގޮތަށް ކުރުމަށް ފުލުހުން އިހުމާލުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކާރު ނައްތާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ފުލުހުންގެ ފަރާތުން ނަގައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ފުލުހުން ބުނީ، ކާރު ނައްތާލާފައިވާ ކަމަށާއި އެގޮތަށް އަމަލުކުރީ "އެއްގަމު ދަތުރުފަތުރުގެ ގާނޫނު"ގެ ދަށުން ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ކާރު ނައްތާލާފައިވަނީ ވައިދެރިޔާހިނގުން މަގު ޒޯންގައި (ގިޔާސުއްދީން ސްކޫލް ކައިރި) ކާރު އެއްގޮތަކަށް ވެސް ނުނަގާ މެދުކެނޑުމެއްނެތި ހަތް ދުވަހަށްވުރެ ދިގު މުއްދަތަކަށް ބޭއްވުމުގެ ސަބަބުން ކާރު ޓޯކުރުމަށްފަހު، އެކަމުގެ އިއުލާން ޝާއިއުކުރުމަށްފަހު ކަމަށެވެ.

"އެއްގަމު ދަތުރުފަތުރުގެ ގާނޫނޫ" ގައިވާ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ވެސް ދުއްވާ އުޅަނދެއް މެދުކެނޑުމެއްނެތި ބޭއްވޭނީ ހަތް ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ. ހަތް ދުވަސް ހަމަވުމުން އުޅަނދުތައް ނަގައި ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހުތިޔާރު އެ ގާނޫނުގެ ދަށުން ލިބިގެންވާ ކަމަށާއި ކާރު ނައްތާލާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ 60 ދުވަހުގެ މުހުލަތެއް ދިނުމުށްފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލާގައި ޤާޟީ ރިޒްމީނާ އިދްރީސް ކުރެއްވި ޙުކުމުގައި ވަނީ ޓޯކުރާ އުޅަނދެއް ނައްތާލުމުގެ ކުރިން އުޅަނދުގެ މައުލޫމާތު އާންމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެ އިއުލާން އާންމު ކޮށްފައިވަނީ ކާރު ނައްތާލުމަށްފަހު ކަމަށެވެ. އެހެންކަމުން ކާރާ ހަވާލުވުމަށް ކާރުގެ ވެރިފަރާތަށް ފުރުސަތު ލިބިފައި ނުވާ ކަމަށް ޤާޟީ ވިދާޅުވިއެވެ.

އެހެންވެ އެ މައްސަލައިގައި ޤާޟީ ޙުކުމް ކުރަށްވާފައިވަނީ ފުލުހުން ކާރު ނައްތާލާފައިވަނީ ގާނޫނާހިލާފަށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކާރުގެ ވެރިފަރާތަށް 250،000 ރުފިޔާ ދިނުމަށް ކަނޑައަޅައި، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ޖަމާކުރަން ފުލުހުންގެ މައްޗަށްވަނީ އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން