މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ސިލިންޑަރެއް ބާސްޓްވެ ސީރިއަސް އަނިޔާތަކެއް ލިބުނުމީހާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން ނިންމައިފި އެވެ.

ސިލިންޑަރ ބާސްޓްވުމުގެ ހާދިސާގައި އަތަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ކުޅުދުއްފުށީގެ 37 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަކީ ކުޅުދުއްފުށީ އެއާޕޯޓްގައި މަސައްކަތްކުރާ ފަޔަރފައިޓަރެކެވެ.

މި ހާދިސާ ހިނގީ އެއާޕޯޓުގެ ފަޔަރ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލްކުރުމުގެ ތެރޭގައެވެ. މި ހާދިސާގައި އަނިޔާވި އެއާޕޯޓްގައި މަސައްކަތް ކުރާ އިތުރު ތިން މުވައްޒަފަކަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެގެން އިތުރު ފަރުވާއަށް މާލެގެނައި މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރުދަނީ ވަމުންނެވެ. ޙާދިސާގައި ޒަހަމްވެފައި ވަނީ އޭނާގެ ކަނާތުގެ އުޅަބޮށި މަތިން ކަމަށާއި ނަމަވެސް އިނގިލިތައް ހަރަކާތްކުރެވޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޑޮކްޓަރުންނާ ޙަވާލާދީ ޢާއިލާއިން ބުނެފައިވަނީ އޭނާގެ އަތް ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އެގޮތުން އަނިޔާވެފައިވާ ތަނުގެ ޖަރާސީމް ސާފުކޮށް ޕްރޮޓެކްޓު ކުރުމުގެ ޕްރޮސީޖާއެއް މިއަދު ހެނދުނު ވެސް ހޮސްޕިޓަލުގައި ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން