ސިވިލް ކޯޓުގެ ޤާޟީކަމަށް 15 މީހަކު ކުރިމަތިލައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނެފައިވަނީ، ސިވިލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 15 މީހަކު އެމަޤާމަށް ކުރިމަތިލާފައިވާކަމަށެވެ.

ސިވިލް ކޯޓަށް ޤާޟީއެއް ހޯދުމަށް އިޢުލާނުކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ އިޢުލާނަށް އިޖާބަދީ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ވަނަވަރު ޖޭއެސްސީން މިއަދު ވަނީ ޢާއްމު ކުރަށްވާފައެވެ.

ސިވިލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން މިހާރު ހަވާލުވެގެން ހުންނެވީ ޤާޟީ ފަރުހާދު ރަޝީދެވެ. ކޯޓު ހިންގުން ފަރުހާދާއި ހަވާލުކޮށްފައިވަނީ އެ ކޯޓުގެ އިސް ޤާޟީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ އަސާސީ މުސާރަ އަކީ، މަހަކު 30،000 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1،650 ރުފިޔާ ލިބޭނެއެވެ. އަދި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން