މިއަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވެފައިވަނީ 149 ފަރާތަކުން ކަމަށް ބާ ކައުންސިލުން ހާމަކޮށްފިއެވެ.

ބާ ކައުންސިލް އޮފް ދަ މޯލްޑިވްސް އިން މިއަދު ބުނެފައިވަނީ، ޤާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު، އަލަށް ނުކުންނަ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރާ އިމްތިޙާން އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 99.33 އިންސައްތަ ދަރިވަރުން އިމްތިހާނަށް ހާޒިރުވެފައިވާ ކަމަށްވެސް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

މި އިންތިޙާނަކީ ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ މިނިމަމް ބެންޗްމާކް ކަނޑައަޅާ އިމްތިޙާނެއް ކަމަށްވެސް ބާ ކައުންސިލް ވަނީ ބުނެފައެވެ.

ބާ ކައުންސިލާއި ކެޕްލިން ފައިނޭންޝަލް ލިމިޓެޑް ގުޅިގެން ތައްޔާރުކުރި ބާ އިމްތިހާނަކީ ދަރިވަރުންގެ ތަހުލީލީ ހުނަރުތަކާއި، ޤާނޫނު ފަހުމުވާ މިންވަރު ދެނަގެނެ، ރާއްޖޭގައި ޤާނޫނީ ފަންނުގެ މަސައްކަތްކުރުމަށް ބޭނުންވާ އިލްމާއި ހުނަރު ހުރިކަން ކަށަވަރުކުރުމަށް ފަރުމާކޮށްފައިވާ އިމްތިހާނެއްކަމަށް ބާ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ބާ ކައުންސިލުން ބުނީ މިހާރު ބާ އިމްތިހާނުގައި ޤާނޫނީ ފަންނުގެ މައިގަނޑު 6 ދާއިރާއަކަށް އަމާޒުކޮށް ސުވާލުތައް ބައްޓަންކުރި ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން އިމްތިހާނަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. ބާ އިމްތިހާނަކީ މަލްޓިޕްލް ޗޮއިސް އިމްތިހާނެކެވެ.

ބާ އިމްތިހާނަށް މިހުން ތައްޔާރު ކޮށްދިނުމަށްޓަކައި ބާ ކައުންސިލުންވަނީ އިމްތިހާނުގައި އަންނާނެ ކަމަށް ލަފާ ކުރެވޭ ސުވާލުތަކެއް އުފައްދައި ދަރިވަރުންނާ ހިއްސާ ކޮށްފައެވެ.

ގާނޫނީ ފަންނުގެ ބިލަށް އަލަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ބާ އިމްތިހާނު ފުރިހަމަކޮށް، ނަތީޖާ ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ޖެހެއެވެ. ބާ ކައުންސިލުން ބުނީ އިމްތިހާނުގެ ނަތީޖާ އަންނަ މަހުގެ ފަހުކޮޅު ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން