އަހުމަދު ޝާހް   23 އޮކްޓޯބަރު 2023 - 19:42
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން މެންބަރު ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މޭމަހުގެ އެއްވަނަ ދުވަހުގެ ފަތިހު 5:08 ހާއިރުއެވެ. އެ މައްސަލައިގައި ގައްބަރޭގެ އިތުރުން ދައުވާކުރަނީ ތ. ކިނބިދޫ، ދީފުރަމްގެ، އަހުމަދު އަވްޝަމް އާއި މ. ތާޖް، މުލާއިމް މުހައްމަދުގެ މައްޗަށެވެ.

މެންބަރު ޒަރީރަށް ޙަމަލާދިން މައްސަލާގައި މިއަދު ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލިސް ސިއްރުކޮށްފައިވަނީ ދިފާއީ ވަކީލުން އެދިގެންނެވެ.

ދައުލަތުން މިދިޔަ ސެޕްޓެމްބަރމަހުގެ 19 ވަނަ ދުވަހު ގައްބަރޭގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އަނެއް ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ގައްބަރޭ ދޫކޮށްލުމަށް މެންބަރު ޒަރީރު މީގެ ކުރިން ވަނީ ގޮވާލާފައެވެ. ގައްބަރޭއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން