ޕޮލިސް ބޯޑުންދޭ ލަފައާ އެއްގޮތަށް އަމަލު ނުކުރާ މައްސަލައިގައި ދާޚިލީ ވަޒީރު އިމްރާން އާއި، ފުލުހުންގެ އިސް ބޭފުޅުންނާއި، ޕޮލިސް ބޯޑުގެ މެންބަރުން ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފަށްޓަވަމުން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން، ފުލުހުންގެ ސުލޫކީ މިންގަނޑު އެކުލަވައިލުމާއި ރޭންކުތަކުގެ ކުރިއެރުމާއި ރޭންކުތައް ދަށްކުރުމާއި ޝަރަފްގެ ނިޝާން ދިނުމާ ގުޅޭ ގަވާއިދު އެކުލަވާލުމާއި އަދި ފުލުހުންގެ ރިޓަޔާމަންޓް ގަވާއިދު އެކުލަވާލުމުގައި ފުލުހުންގެ ބޯޑުގެ ލަފައާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށެވެ.

ހަމައެއާއެކު ޕޮލިސް ބޯޑުން ހުށަހެޅި މައްސަލައާ ގުޅިގެން، މީގެ ކުރިންވެސް އިދާރާތަކާއެކު ވަކިވަކި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި، މިއަދުގެ ބައްދަލުވުމަކީ އެ ތިން އިދާރާގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މެންބަރުން އިޢުތިރާޒް ނުކުރާނަމަ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދާނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން "ޕޮލިސް ބޯޑު" އެކުލަވާލާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް 9 ވަނަ ދުވަހުއެވެ. ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ.

މިބޯޑަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން