އައިއީޑީ ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ވަނީ ޙުކުމް ކޮށްފައި
އައިއީޑީ ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ވަނީ ޙުކުމް ކޮށްފައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނައަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ޙަމަލާގެ ޝަރީއަތް އަވަސް ނުކުރެވޭނެ ކަމަށް އެމައްސަލަ ބައްލަވާ ޤާޟީ ސޮފްވަތު ހަބީބް ވިދާޅުވެއްޖެއެވެ.

މެއި ހައެއްގައި އައިއީޑީ ގޮއްވާލި މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ސޮފްވަތު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ލަސްވަނީ ކޯޓުގެ ބައެއް މަސައްކަތްތަކާއި ޝަރީއަތްތައް ފުށުއެރުމާއި ދިފާއީ ވަކީލުންގެ ވަގުތުތައް ފުށުއެރުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ހުރުމުން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި ހުރި އެހެނިހެން މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަރަށް ބޮޑަށް ލަސްވެފައިވާކަން ސޮފްވަތު ވަނީ ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގެ 9 ޝަރީއަތުގެ އަޑުއެހުމެއް މިއަހަރު ބާއްވަން މަސައްކަތްކޮށްފައިވާއިރު މިއަހަރު ބޭއްވިފައި ވަނީ 6 ޝަރީއަތުގެ އަޑުއެހުމެވެ. ނަމަވެސް އަންނަ މަހުގެ 23، 27 އަދި 29 ވަނަ ދުވަހަށް މި މައްސަލައިގެ އަޑުއެހުން ތާވަލް ކުރެވިފައިވާ ކަމަށް ސޮފްވަތު ވިދާޅުވިއެވެ.

ޤާޟީ ސޮފްވަތު މިމޭރުމުން ވިދާޅުވެފައިވާއިރު، މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތްތައް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުދާކަމަށް އެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އައްޔަނުކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވަނީ ވިދާޅުވެފައެވެ.

މެއި 6 ވަނަ ދުވަހުގެ ރޭ 8:32 ގައި ނީލޯފަރުހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތިން، ސައިކަލެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށްގެން ރައީސްް ނަޝީދު އަވަހާރަކޮށްލުމަށް އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއްލިބި ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނު އުޅުއްވާފައިވެއެވެ.

ޓެރަރިޒަމްގެ މި މައްސަލާގައި ދަޢުލަތުން ދައުވާ ކޮށްފައިވަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި، މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ މެއި 6 ގެ އައިއީޑީ ގޮއްވާލި އަދުހަމަށް 23 އަހަރާއި 6 މަހާއި ނުވަ ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން