ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން މިއަދު ވަނީ ހައިކޯޓުގެ އިސްފަޑިޔާރަކަށް ޢައްޔަނުކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދަށާއި ސިވިލް ކޯޓުގެ އިސް ޤާޟީ ކަމަށް ޢައްޔަނުކުރެއްވި އަލްއުސްތާޛާ މަރްޔަމް ވަހީދަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.

އެބޭފުޅުންނަށް ލިޔުން ޙަވާލުކޮށްދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިނެވެ.



ހައި ކޯޓާއި ސިވިލް ކޯޓުގެ އިސް ފަނޑިޔާރާއި އިސްގާޒީގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ހުސައިން ޝަހީދު އެކަންޏެވެ. އަދި ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް ކުރިމަތިލެއްވީ ޤާޟީ މަރިޔަމް ވަހީދާއި ޤާޟީ ހާފިޒާ އަބްދުއްސައްތާރެވެ.

އަލްއުސްތާޛު ޙުސައިން ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. 2014 ނޮވެމްބަރު 26 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދަކީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރެވިފައިވާ އަލްއުސްތާޛާ މަރްޔަމް ވަޙީދަކީ ވިލާ ކޮލެޖުން މާސްޓަރސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗެލަރސް އޮފް ލޯސް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. 2016 އޭޕްރީލް 13 ގައި ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެވުމުގެ ކުރިން އަލްއުސްތާޛާ މަރްޔަމް ވަޙީދުވަނީ ކ.ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ.

ޤާޟީ މަރިޔަމް ވަހީދު ވެގެންދާނީ ސިވިލް ކޯޓުގެ ފުރަތަމަ އަންހެން އިސްޤާޟީއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން