މިއަދު އެންމެ ބާރަށް ދެކެވޭ އެއްވާހަކައަކީ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަތަކުގެ ވާހަކައެވެ. މައްސަލައިގެ ސީރިއަސް ކަމާއި ނުރައްކާތެރިކަން ބޮޑުވެ މިކަން މިހާރު ވަނީ ގައުމީ ބޮޑު މައްސަލަ އަކަށްވެފައެވެ. މައްސަލައިގެ ސީރިއަސްކަން އެންމެ ބޮޑަށް ހާމަވެގެންދަނީ ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުންނާއި ސަރުކާރު އޮފީސްތަކުގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނޭ މަދުބަޔަކު ބަދަލު ހޯއްދެވުމުގެ ގޮތުން ކަމަށް ބުނެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުތައް އަމާޒުވަމުންދިޔުމުންނެވެ. ފަރުދާގެ ފުރަގަހުގައި ކުރަމުންދިޔަ ކަންތައްތައް ފަޅާއެރުމުންނެވެ.

މިއާއެކު ދެން މިފަހުން އެންމެ ހޫނުވެސް ދިޔަ އެއް ބަހުސަކީ މިފަދަ މައްސަލަތައް ބެލުމުގައި ފުލުހުން ގެންގުޅޭ ހަމައާއި އުސޫލާއި މެދު ކުރެވެމުން ދިޔަ ބަހުސެވެ. މި ބަހުސެއް ފެށިގެން ހިނގަމުންދާތާ ދުވަސް ކޮޅެއް ވެފައިވާއިރު ފުލުހުންނަށް ދިއްކުރެވޭ ތުހުމަތުގެ އިނގިލިތައް އިތުރުވެ މި އަޑުތައް ގަދަވެގެން ގޮސްފައިވަނީ ފުލުހުން މައްސަލަތައް ބެލުމުގައި، ތަހުގީގު ކުރުމުގައި ކުރީގައި ގެންގުޅުނު ބޮޑު ކެކުރިއާއި ކުޑަކެކުރީގެ އުސޫލު ގެންގުޅެން ފެށުމުން ކަމުގައި ބެލެވެއެވެ.

އެންމެންގެ ވެސް ޝަކުވާއަކީ ބައެއް ފަރާތްތަކާއި ދެކޮޅަށް ހުށައެޅޭ މިފަދަ ބައެއް މައްސަލަތައް ކުރިއަށް ނުދިއުމެވެ. މައްސަލަ ހުށައަޅާތާ އަހަރު ވެގެންދާއިރުވެސް ކަހާތަން ހިރުވާ ވެސް ނުލުމެވެ. ދެން މައްސަލަ ހުސައަޅާ މީހާ ރުޅިގަދަވެގެން ނުކުންނަނީ މީސް މީޑިއާގެ ހޮޅުއަށި ތަކަށެވެ. ދެން އެ ހުރިހާ ހޮޅުއަށިތަކެއްގައި މީހުން އެތިވަރު ގޮވާން ފެށުމުން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ ވެރިޔާ ވިދާޅުވެދާނެއެވެ. އެހާހިސާބުން ވެސް މިދެންނެވި ފަދަ ބޭފުޅުންގެ މައްސަލަ ކުރިއަށްދާނީ ހަމަ ފިނިހަކަ ދުވެލީގައެވެ.

ޖިންސީ ފުރައްސާރައާއި ކުޑަކުދިން ރޭޕްކުރުން ފަދަ ނުބައިވެގެންވާ އަމަލުތައް މެކުހަށް ޖަހައި ގައުމީ ބޮޑު ބަލިމަޑުކަމަކަށް އެކަން ވާން ފެށުމުން އާންމުން ރުޅިގަދަވެ މީސް މީޑިއާގެ ހޮޅުއަށިތައް ފުރާލައި އެވަރުން ނުވެގެން މާލޭގެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން ފެށުމުން ފުލުހުންގެ ލޯ ހުޅުވި މާ ބާރަކަށް ބައެއް ތަހުގީގުތައް ހިންގަން ފެށި ނަމަވެސް އެއްކަލަ އަތް ނުލެވޭ އަހަރަށް ވުރެ ގިނަ ދުވަސްވީ ކަމަށް މީސް މީޑިއާގައި އެކުދިން ކިޔައިދެމުން ގެންދާ "އަތްނުލެވޭ" މީހުންގެ މައްސަލަތައް ހަމަ ހުރީއެވެ. އެކަމަކު މީހުން ނުކުމެ އަޑުގެ ނެތްތަނަށް އެވާހަކަ ދައްކަން ފެށުމުން ފުލުހުން ބުނީ އެމައްސަލަތައް ނުހިނގަނީ، ބަޔާންގަނޑެއްވެސް ނުނެގުނީ މިއުޅޭ ކޯވިޑް-19 ގެ ސަބަބުން ކަމަށެވެ. މިއީ ހަމަ އަރަތެއް ކަހަލަ ވާހަކައެކެވެ. ކޯވިޑެއް ލައިގަނެގެން މިގައުމު ހުއްޓުނީ އިހަށް ދުވަހަކުއެވެ.

ދެން އެބުނާ ކޯވިޑް-19 އެއް ލައިގަނެގެން ވަކި ކަހަލަ ވަކި ބައެއްގެ މައްސަލައެއްގެ ތަހުގީގު ނުހިންގިގެން އެކަމާ ހަދާނެ ގޮތް ހުސްވެގެން އުޅުނު ކަމަށް ބުނާއިރު ތަޙްޤީޤު ކުރަން ކޮންމެހެން ބޭނުންވާތީ، ނުވަތަ ވަކި ބަޔަކު ބޭނުންވާތީ ނޫންނަމަ ވަކި ބަޔަކު ފާޑުކިޔާތީ ބަލަން ބޭނުންވާ މައްސަލަތައް ބަލަންވީމާ ކޯވިިޑެއް، މައިމޫނާއްތައަކަށް ބެލުމެއް ނެތެވެ. މިދެންނެވި ފަދަ މައްސަލަތައް ކުރިއަށް ދިޔައީ ހަމަ ރޮކެޓް ސްޕީޑްގައެވެ.

އެމްއެމްޕީއާރްސީ މައްސަލައަށް އެކަނި ބަލާލި ނަމަވެސް މިކަން ވަރަށް ރަނގަޅަށް އެނގި ހާމަވެއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް އިއުލާންކުރެއްވީ ސީދާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ދެން އެ ސްޕީޑްގައި ކުރިއަށް ދިޔަ އަނެއް މައްސަލައަކީ ކުރެއްދޫ ރިސޯޓުން ކޯވިޑް-19 އަށް ފައްސިވި މީހަކު ފުރުވާލި ކަމަށް ބުނާ މައްސަލައެވެ. އެމައްސަލަ ބެއްލެވީ ވަރަށް ހައްސާސް މައްސަލައެއްގެ ގޮތުގައި ސީދާ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އިސްނެންގެވުމުގެ މަތިންނެވެ. ޝަމީމަކީ ހަމަ ހުދު ފޮތިކޮޅެއް ފަދަ ސާފު ބޭފުޅެކެވެ. ގައުމީ ކަންކަމުގައި ވަރަށް ގައުމީ ލޭ ހިނގާ ބޭފުޅެކެވެ. ގައުމު ދެކެ ލޯބިވާ ވަރުން ގޮސް މިގައުމުގައި ހިނގި ކަމަށް ބުނާ އެންމެ ބޮޑު ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުން ސަލާމަތް ކުރަންވެސް ވަކާލު ކުރެއްވިއެވެ. މިހާރު އަޑު އިވޭ ގޮތުން އެ މީހުން ސަލާމަތް ކުރަން ވަކާލާތުކުރުމާއި އެކިއެކި ލިޔުންތައް ތައްޔާރުކޮށް ގާނޫނީ މަސައްކަތްތައް ކުރެއްވުމަށް ނިކަން ރަނގަޅަށް އަގު ނެންގެވިއެވެ. ބުނެވޭ ގޮތުގައި އެކިޔާ އެސްއޯއެފުން ވެސް އެތިކޮޅެއް ލިބިވަޑައިގެންނެވި ކަމަށް މިހާރު މީހަކު ހުށައަޅާފައިވާ މައްސަލައެއްގައި ބުނެއެވެ. ހަމަ ގައުމު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ދެން ހަމަ ގައުމީ ޖޯޝުގައި ޕީޖީ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ކުރެއްދޫ ރިސޯޓުން ފަތުރުވެރިޔަކު ފުރުވާލި މައްސަލަ ވެސް ފުުލުހުން ތަޙްޤީޤު ކޮށް ނިއްމާލީ ހަމަ ކޯވިޑް-19 ބާރަށް ފެތުރެމުން ދަނިކޮށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި ފުލުހުން އެ ރިސޯޓަށް އެރީ އެރިސޯޓް މޮނިޓަރިންގެ ހާލަތުގައި އޮއްވައެވެ. އެރިސޯޓުގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ބިރުވެރިކަން އޮއްވާ ކުރެއްދޫ ރިސޯޓަށް ފުލުހުންގެ ޓީމު އަރައި ޕީޖީ ޝަމީމުގެ އާރުކާޓީ ކަމުގެ ދަށުން ތަހުގީގު ހިންގާ ބަޔާންތައްނަގައި އެމައްސަލަ ރޮކެޓް ސްޕީޑްގައި ކުރިއަށް ގެންދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް އުޅުއްވީ އެމައްސަލަ ނުބެލިގެން ލޮލަށް ނިދިނައިސް ގެންނެވެ. ވާނީވެސް އެހެންތާއެވެ. އެއަށް ވުރެ ހައްސާސް މައްސަލައެއް މިގައުމުގައި ނެތްތާއެވެ.

ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަކީ އަލަށް ފެންމަތިވި މައްސަލަ އެއްް ނޫނެވެ. އަލީ ވަހީދު ސަރުކާރުގެ މިނިސްޓަރަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބެލެވޭ އޯޑިއޯތަކެއް ލީކްވެ، އޯޑިއޯތަކުގެ ވާހަކަތައް ފެންމަތިވިއިރު ފުލުހުންނަށް ހިންގުނު ތަހުގީގެއް ނެތެވެ. އެ އޯޑިއޯގައި އަލީ ވަހީދުގެ "ޖިނާއީ" މައްސަލަ އެއް ހިމެނޭތީ އެކަން ބަލަމުންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ. އެހެން ނަމަވެސް ފަހުން އެ "ޖިނާއީ" މައްސަލަ އަށް ވީގޮތެއްވެސް ވީތަނެއްވެސް ނޭގެއެވެ. އެކަން ވެސް ދިޔައީ ހަމަ ބޮޑު ނަގުލަށެވެ. އަދިވެސް ހަމަ ގާފޮރޮޅަނީއެވެ. މައްސަލައިގައި ނުކުތް ނަތީޖާ އެއް ލިބުނު ކުރިއެރުމެއް ފެންނާކަށް ނެތެވެ.

އެހެން އެކަން އޮއްވައި އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ތަކެއް ފެންމަތިވެ އޭނާ އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އަންގަވައި މަގާމުން އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކިކުރެއްވިއެވެ. އަލީ ވަހީދުގެ ފަރާތުން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ލިބުނު ކަން ފަޅާއެރީ އެވާހަކަތައް ސީދާ ރައީސް ސޯލިހާއި ހިސާބަށް ގެންދިޔުމުންނެވެ. ޢަލީ ވަހީދުގެ ފަރާތުން އެތަށް މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާތީ އިވެއެވެ. އެވާހަކަތަށް އަޑުއައްސަވާފައި ރައީސަށް ކުރި އަސަރެއްގެ ބޮޑުކަމުން ކީރިތި ކުރެއްވުނު ކަމަށް ވެސް ވެއެވެ.

ކޮންމެއަކަސް އަލީ ވަހީދު މަގާމުން ވަކިކުރައްވައި އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތަހުގީގު އަދި ދާތަން ފެންނަނީ "ފިނިހަކަ" ސްޕީޑްގައެވެ. މައްސަލައިގައި އަލީ ވަހީދު މަގާމުން ވަކިކުރިތާ ހަފުތާ އެއްވީއިރު ވެސް ކުޑަ މިނުން އޭނާ އާއި ސުވާލެއް ވެސް ކޮށްނުލާ ކަން ހާމަކުރީ ފުލުހުންނެވެ. އަލީ ވަހީދަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު އޭނާ ހައްޔަރުނުކޮށް މުޖުތަމައު ތެެރެއަށް ދޫކޮށްލާފައި ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލަން ބަހައްޓަންވީ ސަަބަބަކާއިމެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަލީ ވަހީދު ގެއަށް ވަދެ ޑްރާމާ ޖައްސާފައި އޭނާ ގެންގުޅޭ ލެޕްޓޮޕަކާއި ފޯނެއް އަތުލި ވާހަކަ ފުލުހުން ވަރަށް ބާރުލާފައި ބުންޏެވެ. ދެން އެފޯނާ އެ ލެޕްޓޮޕް އަތުލީމާ އޭނާއަށް މީހަކަށް ނުގުޅޭނީ ތޯއެވެ. އެ ލެޕްޓޮޕް ފުލުހުން ގެންދިޔައީ އޭނާގެ ހުރިހާ ލިޔެކިޔުންތަކާއި މައުލޫމާތެއް ހުންނާނީ އެ ލޮޕްޓޮޕްގައިކަން ހަމަ ހަގީންވާތީ ހެއްޔެވެ؟ ފުލުހުން މިއަދު ވެސް މިޖައްސާ ގޭމަކީ މައުމޫން ވެރިކަމުގައި އެމްޑީޕީއާއި ދެކޮޅަށް ޖެއްސި ގޭމެވެ. އެމްޑީޕީން މުޒާހަރާއަށް ނުކުންނަ ވާހަކަ ބުނާއިރަށް އެ މުޒާހަރާ ބާއްވާ ތާކުން ފުލުހުންނަށް ހަމަލާދޭން ތޫނުކޮށްފައި ހުންނަ ދަގަނޑު ބުރި ތަކާއި ކަތިވަޅިއާއި ފޭހުނު އިލޮށްޓާއި ރަބަރު ވަޒަން ވެސް ފެންނާނެއެވެ. ދެން އަޑިޕާކުގައި އަތްފުނާ އަޅައިގެން ހޯދި ހަތިޔާރުތައް ހިފައިގެން ސަރުކާރުން ހިސޯރުކޮށްފައި އޮންނަ ދައުލަތުގެ މީޑިއާއާއި ދައުލަތުގެ ވެރިން އަޑީގައި ތިބެގެން ދައުލަތުން ހޭދަކޮށްގެން ހިންގާ ނޫސް ތަކުގެ ފަލަ ސުރުޚީއަށް އެވާހަކަތައް އެރީމާ އެއޮތީ އޮޕަރޭޝަން ނިމިފައެވެ.

އެކަމަކު ދެން އެކާވީސް ވަނަ ގަރުނުގައިވެސް "މައުމޫނިޒަމް"ގެ ގޭމުޖައްސަން އުޅޭތީ ވަރަށް ހިނި އާދެއެވެ. މިހާރަކު އެކަހަލަ ގޭމެއް ނުހިނގާނެއެއެވެ. ހައްސާސް ތުހުމަތު ތަކެއް ކުރެވޭ މީހެއްގެ ގެއަށް ވަދެ "އޮޕަރޭޝަން އަލީ ވަހީދު" ޖައްސާފައި އޭނާގެ އަތުގައި އޮންނަ ލެޕްޓޮޕަކާއި ފޯނަކާއި ޕެންޑްރައިވެއް ފުލުހުން ގެންގޮސްފައި އޭނާ ދޫކޮށްލާފައި ބެހެއްޓީމާ ދެން ހެއްކަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި އޭނާގެ އަތުގައި ހުރިއްޔާ ހުރިހާ މައުލޫމާތެއް "ދަމައިގަނެވުނީ" ކަމުގައި އާންމު ރައްޔިތުންނަށް ބުނެދޭން އުޅުމަކީ ދެން މި ގަރުނުގައި މީހުން ގަބޫލު ކުރާނެ ވާހަކައެއް ނޫނެވެ. ތެދެކެވެ. އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލައިގައި 15 މީހެއްގެ ބަޔާން ނެގި ކަމަށް ބުންޏެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފޯނާ ލެޕްޓޮޕާ އިލެކްޓޯނިކްސް ސާމާނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެތަކެތި ވެސް ހިފަހައްޓާފައިވަނީ އަލީ ވަހީދު މަގާމުން ވަކިކުރިތާ ދެތިން ދުވަހެއް ފަހުންނެވެ. އަލީ ވަހީދާއި ދެކޮޅަށް ހެކި ލިބިފައިވާނަމަ މިހާރު ހުންނާނީ ހައްޔަރުކޮށްފައި ތާއެވެ. އެހެންވީމާ މި މައްސަލައަކީ ދިގު ދެމިގެންދާ ސިޔާސީ މައްސަލައަކަށް ވާނެކަން މިހާރުވެސް މިވަނީ ޔަގީން ވެފައެވެ.

ދެން އޮތީ ސަފާރީގައި ހިނގި ކަމަށް ބުނާ "ޖިންސީ ގޯނާ"ގެ ހާދިސާ އެވެ. އެމައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި ކޮންމެވެސް ފަރާތެއްގެ ބާރާއި ނުފޫޒުން ދެ މީހުން ދޫކޮށްލާފައިވާ ކަމަށް ބުނާއިރު އެމައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި މެދު ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ. ރޭގަނޑު ދަންވަރު ކަނު އަދިރީގައި ސަފާރީއެއްގައި ހުރި އަންހެނަކު މޫދަށް ފުންމާލީ ކިހިނެއްވެގެން ކަމެއް ފުލުހުންނަކަށް ނޭނގެ ޔޯލައެވެ. އެކަމުގައި ބޮޑު ކަމެއް ހިނގައިފި ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮންކަމެއް ކަން ފުލުހުންނަށް ބުނެއެއް ނުދެވެއެވެ. އެެހެން ނަމަވެސް ފުލުހުންނަށް ސަފާރީ ކޭސް އިން ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ ސަފާރީގައި އަންހެންމީހާ ރޭޕް ނުކުރާކަމެވެ. ދެން ހިނގި ކަމަށް ބުނާ ހުރިހާ ކަމެއް ވެސް ހިގައިފާނެ ކަމަށް ފުލުހުން ގަބޫލުކުރެއެވެ.

ޖޭއެސްސީ ހިންގާ ތަހުގީގު ތަކާއި ފުލުހުން ހިންގާ ތަހުގީގު ތަކާއި މާބޮޑު ފަރަގެއް އޮތް ކަމަކަށް މިހާރަކު ނުފެނެއެވެ. މިކަން މިހާރު ވެގެންދަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވާ ކުޑަކެކުރިއާއި ބޮޑުކެކުރީގެ އިންސާފަށެވެ. އެ ވިދާޅުވާހެން މި ފެންނަނީ މޫނަށާއި ކަނދުރާ އަށް ހަސަބާއި ނަސަބާއި މަގާމަށް ބަލައިގެން އިންސާފު ގާއިމްކުރެވޭ ތަނެވެ.

އޯވަނައިޓުން ރޮކެޓް ސްޕީޑްގައި ބައެއް މައްސަލަތައް ތަހުގީގުކޮށް ނިމިގެންދާއިރު އަނެއްބައި މައްސަލަ މިހުންނަނީ ކޮވިޑާ ޖެހިފައި ހުއްޓުން އަރާފައެވެ. ގާނޫނީ ދިގުއަތް ހަމަ އަދި ފޯރާވަރެއް ނުވެއެވެ. ޢަދުލް އިންސާފު ހަމަހަމަ ކަމާއެކު ގާއިމް ކުރެވޭ ތަނެއް އަދި ނުފެނެއެވެ. އަދިވެސް މިއޮތީ ހަމަ ބޮޑުކެކުރިއާއި ކުޑަކެކުރީގެ އިންސާފެވެ. ހައިލަމް ވިދާޅުވާހެއް ޖޭއެސްސީއިން ހުކުމް ލިޔެފައި ދިނީމާ ސުލޫކީ މައްސަލަތަކަށް ނިމުން އައީއެވެ. ދެން މަގާމުގައި ތިބި ގާޒީއަކުވެސް ސަލާމަތްވާން ބޭނުމިއްޔާ ހުކުމް ކުރާ ހިސާބަށް ދިއުމުން ޖޭއެސްސީން ހުކުމެއް ގެނަސްގެން ހުކުމް ކޮށްލައްވާށެވެ. ސަލާމަތް ވާނީ ޖޭއެސްސީން ހުކުމް ގެނަސްގެން ހުކުމް ކޮށްލިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޒަރީރު

21-Jul-2020

ރަނގަޅު ލިޔުމެއް



ޓްރެންޑިން