ކޯޓުގެ ހުރުމަތް ކަނޑައިގެން ޕީޖީ އޮފީސް ދިހަހާސް ރުފިޔާއިން ޖޫރިމަނާކުރި ނިންމުން އިސްތިއުނާފުކުރުމަށް އެއޮފީހުން ނިންމައިފިއެވެ.

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓު ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޖޫރިމަނާ ކޮށްފައިވަނީ އެކޯޓުން ބަލަމުންގެންދާ މައްސަލައެއްގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ހެކި ހާމަކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، އެ ހެކިތައް ހާމަކުރަން ކުރި އަމުރަށް ދައުލަތުން ބޯނުލެނބުމުންނެވެ.



އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، އައްޑޫ ފޭދޫ ކޯޓުން ހާމަކުރަން އަމުރުކުރި މައުލޫމާތަކީ އެ އޮފީހަށް ލިބިފައިވާ މައުލޫމާތެއް ނޫންކަމަށެވެ. އަދި ޕީޖީ މެދުވެރިކޮށް އެ މައުލޫމާތު ހޯދުމަށް ހުށަހަޅާފައިނުވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

އެ މައްސަލާގައި ހާމަކުރަން ހުށަހެޅި މަޢުލޫމާތަކީ ފުލުސް އޮފީހުގައި ހުރި މައުލޫމާތެއްކަމުގައިވާތީ އެ މައުލޫމާތު ހޯދަން އަމުރު ނެރެންޖެހޭނީ އެ އިދާރާގެ މައްޗަށް ކަމުގައިވެސް ޕީޖީ އޮފީހުން ދެކެއެވެ. އަދި އެފަދަ އަމުރެއް ފުލުހުންގެ އިދާރާއަށް ކޯޓުން ފޮނުވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

“މިއޮފީހުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، މިއޮފީހަށް ލިބޭ ހުރިހާ މަޢުލޫމާތެއް ހާމަކުރަމެވެ. ފޮރުވާނެ އެއްޗެއް ނޯންނާނެއެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ޕީޖީ އޮފީހުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާފައިވާ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ދެކޭތީ ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފުކުރަން ތައްޔާރުވަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި އެހެކިތައް ހާމަކުރަން ދެ ފަހަރެއްގެ މަތިން ދައުލަތުގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވެއެވެ. އެގޮތުން 6 މާޗު 2023 ގައި 7 ދުވަހުގެ ތެރޭގައި ހެކިތައް ހާމަކުރަން އެންގުމުން ދަޢުލަތުން އެ އަމުރަށް ތަބާވެފައެއް ނުވެއެވެ.

އަދި ދެވަނަ ފަހަރަށް 4 އޭޕްރީލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ހެކިތައް ފޭދޫ މެޖިސްޓްރޭޓު ކޯޓަށް ހުށައެޅުމަށް އެންގުމުންވެސް ދަޢުލަތުން އެއަމުރަށް ތަބާވެފައެއް ނުވެއެވެ.

އެމައްސަލާގައި ހޯމަ ދުވަހު އޮތް އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ހެކިތައް ހާމަކުރެވޭނީ ޕީޖީގެ ފަރާތުން ކުރިން ބުނެފައިވާ ގޮތަށް ކަމަށެވެ. އެހެންކަމުން އިސްމެޖިސްޓްރޭޓު މުޙައްމަދު ޢަފީފު ނިންމަވާފައިވަނީ، ޕީޖީ އޮފީހުން ކޯޓުގެ ޙުރުމަތް ކަނޑާފައިވާ ކަމަށެވެ.

އަދި އެކަމުގެ އަދަބެއްގެ ގޮތުން ކޯޓުތަކުގެ ޤާނޫނުގެ ދަށުން ޕީޖީ އޮފީސް 10،000 ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ދެއްކުމަށް ޕީޖީ އޮފީހުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން