ހައިކޯޓުގެ ފަނޑިޔާރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ޝަކީލަށް ރިޓަޔަރމަންޓް ދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ތިން މެންބަރުންގެ ވޯޓުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޝަކީލް ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަކުރައްވަން އެދިވަޑައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީއަށް ހުށައެޅުއްވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ފަނޑިޔާރުންގެ ޤަވާއިދު ބުނާގޮތުން ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔަމެންޓް ލިބޭނީ ކޮމިޝަނުން އެގޮތަށް ފާސްކުރުމުންނެވެ. ރިޓަޔަމަންޓާއެކު ފަނޑިޔާރުންނަށް ކޮންމެ މަހަކުވެސް ފައިސާގެ އެލަވަންސެއް ލިބޭނެއެވެ.

23 މާރިޗު 2003 ގައި ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އަޙްމަދު ޝަކީލަކީ ވިލާކޮލެޖުން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

19 އަހަރު ފަނޑިޔާރުކަމުގައި އަޙްމަދު ޝަކީލް މަސައްކަތް ކުރަށްވާފައިވާއިރު އެ މުއްދަތުގައި އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓާއި ކްރިމިނަލް ކޯޓާއި ހައިކޯޓުގައި މަސައްކަތް ކުރަށްވާފައިވެއެވެ.

ޝަކީލަކީ ވ. އާރަށުގެ މައްސަލައިގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލުހުކުމް އިއްވި ފަނޑިޔާރެވެ. މީގެކުރިން ވޮޑަމުލާ މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު އަލީ ރަޝީދު އަޙްމަދު މިހާރު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން