ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓުގައި މިއަދު ވަކާލާތު ކޮށްފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުގެ ފަރާތުން މަޖިލީހުގެ ނިންމުމާ ދެކޮޅަށް ވަކާލާތު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ޤަވާއިދު މާނަކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށް ބުނެ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުގެ ސްޓޭންޑް ހާމަކުރަށްވަމުންނެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަކާލާތު ކުރަށްވަމުން ވަކީލް ފާތުމަތު ހަލީމް ވިދާޅުވީ، އުފެދިފައިވަނީ މަޖިލީހުގެ ޤަވާއިދުގެ 205 ވަަނަ މާއްދާގެ (ބ) މާނަ ކުުރުމާ ގުޅޭގޮތުން އުފެދިފައިވާ ޚުސޫމާތެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ދެކޭކަމަށް ވަކީލް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި އެކިމީހުންނަށް އެކި މަސްއޫލިއްޔަތުތަށް މަތިކޮށްފައިވާއިރު، މަސްއޫލިއްޔަތަކާ ޙަވާލުވެ ހުންނެވި ފަރާތެއް ސަލާމް ބުނުމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓޭގޮތަށް ޤަވާއިދު މާނަ ކުރުމަކީ ޤާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ މާނަ ކުރުމެއް ނޫންކަމަށެވެ.

އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 205 ވަަނަ މާއްދާގެ (ބ) ގައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށް ބުނެފައިވީ ނަމަވެސް، ނައިބުރައީސް ހާޒިރުނުވާ ޙާލަތުގައި 44 ވަނަ މާއްދާގައި ބުނާ 5 މެންބަރުންނާ ރިޔާސަތު ޙަވާލުކުރުމުގެ އިޖުރާއަތާއެކު މަޖިލިސް ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް ބަންޑާރަނާއިބުގެ އޮފީހުން ކޯޓުގައި މިއަދު އެދިފައިވެއެވެ.

ހަމައެއާއެކު މަޖިލީހުގެ ޤަވާއިދު އެކުއެކީގައި ކިޔާއިރު އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއް އެންމެ އަވަހަކަށް އިސްކަންދީގެން ނިންމަންޖެހޭކަން އެނގޭ ކަމަށާއި، އެހެންކަމުން މަޖިލީހުން ނިންމާފައިވާ ނިންމުމުގައި މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ބާރުކެނޑޭ ގޮތަށް އެމާއްދާގެ (ބ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅުއްވައި ދެއްވުމަށްވެސް ބަންޑާރަނާއިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު އެދިފައިވެއެވެ.

އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ 49 މެންބަރުންގެ ސޮޔާއިއެކު ހުށައެޅި ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސަށް އެކަނިކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައެޅުމާ ގުޅިގެންނެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ސްޕްރީމް ކޯޓަށް އެމްޑީޕީން ހުށައެޅި ދުސްތޫރީ މައްސަލައަށް ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ވަނީ ތަދައްޚުލުވެފައެވެ.

މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:00 ގައި އޮންނާނެކަން މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މިއަދު ވަނީ އިޢުލާނު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން