އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަސްލީ އިޚްތިޞާސް އެކޯޓަށް ލިބިގެން ނުވާ ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ކޯޓުގައި ބުނެފިއެވެ.

ޑިމޮކްރެޓުންގެ ފަރާތުން މިމޭރުމުން ކޯޓުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ޤަވާއިދު މާނަކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށް ބުނެ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އެޕާޓީގެ ސްޓޭންޑް ހާމަކުރަށްވަމުންނެވެ.

އެގޮތުން ޑިމޮކްރެޓްސްގެ ޤާނޫނީ ވަކީލް ޝާއިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށާއި، އެމްޑީޕީން ހުށައަޅާފައިވަނީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިޞާސް ލިބިގެންނުވާ މައްސަލައެއް ކަމަށެވެ. އަދި ޤާނޫނު އާސާސީގެ 88 ވަނަ މާއްދާ އާއި 95 ވަނަ މާއްދާ އިން އެކަން ސާފުކޮށް އެނގޭ ކަމަށް ޝާއިރު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައި ކަން އޮތްގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާމެދު ނުވަތަ ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާމެދު ސުވާލު އުފެދިއްޖެނަމަ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ކަމަށެވެ.

މި މައްސަލާގައި ވަކާލާތު ކުރަށްވަމުން ޑިމޮކްރެޓްސްގެ ވަކީލު ޙަސަން ލަތީފަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ވަކި ބާރަކަށްވުމުން އެ ބާރުގެ ރިޔާސަތުގެ އިތުބާރު ނެތުމުގެ މައްސަލައަކީ ހާއްސަ އިޖުރާއަތެއް ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ އެ އިޖުރާޢަތު ކަމަށާއި، ގަވާއިދުގެ 44 ވަނަ މާއްދާގައި އޮންނަނީ އާންމު އިޖުރާއަތު ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން ޑިމޮކްރެޓުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ރިޔާސަތުގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ނައިބުރައީސަށް ކަމަށް ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ 49 މެންބަރުންގެ ސޮޔާއިއެކު ހުށައެޅި ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސަށް އެކަނިކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައެޅުމާ ގުޅިގެންނެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ސްޕްރީމް ކޯޓަށް އެމްޑީޕީން ހުށައެޅި ދުސްތޫރީ މައްސަލައަށް ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ވަނީ ތަދައްޚުލުވެފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމެވެ.


ކިޔުންތެރިންގެ ހިޔާލު


2

އިއްބެ

07-Nov-2023

ރައްޔިތުންގެހައްޤުތައްމަޖިލީހށްހޯދައިނުދެވޭނަމަސްޕްރިންކޯޓަށްއެމައްސަލަބެލޭނެއެވެތިޔަކަހަލަޒާތީވަކީލުންގެބަސްއަހުރެމެންޤަބޫލެއްނުކުރަމެވެ



ޓްރެންޑިން