ރައްޔިތުންގެ މަޖިލީހުގައި މިހާރު ދިމާވެފައިވާ މައްސަލައިގެ ޙައްލު، މިހާރުވެސް މަޖިލީހުގެ މެންބަރުންގެ އަތުގައި އެބައޮތްކަމަށް މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިއުޝާ ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަށްވަމުން ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ނިޒާމުގެ ތެރެއިން މިމައްސަލައަށް ހަތަރު ހައްލެއް ލިބެން އެބައޮތް ކަމަށެވެ.

އެގޮތުން ފުރަތަމަ ހައްލަކީ މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އިސް ނެގުމުގެ ދަށުން، ގަވާއިދު އިސްލާހުކޮށް، އެކަމުގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުން ކަމަށް ނިއުޝާ ވިދާޅުވިއެވެ. އަދި ދެވަނަ ހައްލަކީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ގަރާރެއްގެ ސިފައިގައި މެންބަރަކު ހުށަހެޅުއްވުން ކަމަށާއި ނަމަވެސް އެއީ ދިގު މުއްދަތެއް ހޭދަވެދާނެ ކަމެއްކަން ނިއުޝާ ފާހަގަކުރެއްވި އެވެ.

ނިއުޝާ ހުށައެޅުއްވި ތިން ވަނަ ހައްލަކީ މަޖިލީހަށް ހުށައަޅާ މައްސަލައެއް ގޮތަށް ގަވާއިދު އިސްލާހު ކުރަން މެމްބަރަކު ހުށަހެޅުމެވެ. އެގޮތުން އެފަދަ މައްސަލައެއް މިހާރުވެސް މަޖިލީހުގެ ނިޒާމުގެ ތެރޭގައި އެބައޮތް ކަމަށާއި އެ މައްސަލަ އެޖެންޑާކޮށްދޭން އެދިފައިވާކަން ނިއުޝާ ފާހަގަކުރެއްވި އެވެ.

ހަތަރުވަނަ ހައްލަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރު އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ، އެއީ ގަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ކަމަށް ބަލައި، މަޖިލީހުން ގޮތެއް ނިންމުން ކަމަށް ނިއުޝާ ވިދާޅުވި އެވެ.

މި މައްސަލައިގެ އިއްޔެގެ އަޑުއެހުމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަދަ ބޮޑު މައްސަލައެއްގައި ރިޔާސަތު ބެލެހެއްޓުމުގެ ކްލިއަރެންސް އާންމު މެންބަރަކަށް އެއްވެސް ހާލެއްގައި ނުލިބޭނެ ކަމަށާއި، އަދި އެފަދަ ހާލެއްގައި އާންމު މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވާއިދު އިސްލާޙު ކޮށްގެން ކަމަށެވެ.

ނަމަވެސް އެމްޑީޕީން މިއަދުވެސް ބުނީ މިހާރު އޮތް ހާލަތުގައި މަޖިލީހުގެ ގަވާއިދު އިސްލާހު ނުކުރެވޭނެ ކަމަށެވެ.

"މިހާލަތުގައި އަޅުގަނޑަކަށް ނުފެނެއޭ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތަށް މަޖިލީހުން އިސްލާހުކޮށްގެން މި މައްސަލައަށް ހައްލެއް ގެނެވިދާނެ ކަމަކަށް." އެމްޑީޕީގެ ވަކީލް އަޙްމަދު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް އެކޯޓުން މިހާރު ވަނީ ނިންމާލައިފައެވެ. މިއަދުގެ އަޑުއެހުން ނިންމަވާލެއްވިކަން އިއުލާނު ކުރަށްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ވީއެންމެ އަވަހަށް މައްސަލައިގައި ގޮތެއް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން