ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލަކު، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޓެރަރިޒަމްގެ ކުށުގައި 27 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

އަމީންގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ބުނެފައިވަނީ އަމީނަކީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރާ މީހެއް ކަމަށެވެ. އަދި ބޭރުގެ ހަނގުރާމަތަކަށް މީހުން ފޮނުވުމަށް ރެކްރޫޓްކުރާ ކަމަށްވެސް ދަޢުލަތުން ތުހުމަތުކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި އަމީން 27 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ނަމަވެސް، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު، އޭނާ ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި، 11 މަހާއި އަދި 9 ދުވަސް ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި އުޅޭ އައިއެސްގެ އެންމެ އިސް މީހަކީ އަމީންކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާއިރު އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަމީންގެ މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް މީގެކުރިން ހައިކޯޓުން ބާތިލްކުރުމުން ސުޕްރީމް ކޯޓުން ވަނީ އެނިންމުން ބާތިލުކޮށް ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް އަންގާފައެވެ. އެގޮތުން ގާނޫނުގެ މާއްދާތައް މާނަކުރަންވާނީ އެއް ރޮއްޖަކުން ގެތިފައިވާ އެކަތިގަނޑެއްގެ ގޮތަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

އޭގެއިތުރުން އަމީންގެ މައްސަލާގައި ހައިކޯޓުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްފައިވަނީ ވަކި މިނިވަން މާއްދާއެއްގެ ގޮތަށް, މުޅި ޓެރަރިޒަމްގެ ގާނޫނުގެ މަގުސަދާ ވެސް ފުށުއަރާ ގޮތަށް ކަމަށް ސުޕްރީމްކޯޓުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކާފަބޭ2020

09-Nov-2023

ފުރަތަމަކަމަކަށް ތިޔަބުނާއިސްލާމިކުސްޓޭޓް އުފެއްދީކޮންބަޔެއްތޯ? އެހަރަކާތްހިންގާވެރީންތިބޭތަންތަނާއެހަރަކާތަތައިސްކުރާވެރިން އިގެނީ ހަމައެކަނިެެމެރިކާމީހުނަށްތޯ?



ޓްރެންޑިން