ތޫނު ހަތިޔާރު ބޭނުންކޮށްގެން ރ. މީދޫ މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިކަން ސާބިތުވި ކުޑަކުއްޖާގެ އަދަބު 10 އަހަރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ލުއިކޮށްދެއްވައިފިއެވެ.

މާލޭ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ރ. މީދޫއަށް ނިސްބަތްވާ އަނަސް މަރާލުމުގައި ޝާމިލްވި ކުޑަކުއްޖާ 18 އަހަރާއި 9 މަހަށް ޖަލަށްލާން ހައިކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާގެ އަދަބު 10 އަހަރަށް ލުއިކޮށްދީފައިވާ ކަމަށެވެ.

އަނަސް މަރުގެ މައްސަލާގައި ހިމެނޭ ކުއްޖަކަށް ރައީސް އަދަބު ލުއިކޮށްދެއްވާފައިވާއިރު މި މަރަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް މީގެ ކުރިން ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޞާލިޙްގެ 5 އަހަރުގެ ދައުރު ނިމެންދާއިރު އެ މައްސަލައިގެ ޝަރީޢަތް ނިމިފައެއް ނުވެއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެރޭ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލާގައި އެއިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ވިދާޅުވެފައިވަނީ، އަނަސް އަށް ޙަމަލާދީ މަރާލާފައިވަނީ އޮޅިގެން ކަމަށާއި، ޙަމަލާގެ އަސްލު އަމާޒަކީ އަނަސް ލައިގެން ހުރި ވައްތަރުގެ ޓީޝާޓް ލައިގެން ހުރި އެހެން މީހެއް ކަމަށެވެ. ނަމަވެސް އެކަމާގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އަނަސްގެ މަރާއި ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަދެ ތޫނު އެއްޗަކުން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސާވިސް ސެންޓަރަށް އަނަސް ދުވެފައިގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސްއަށް ހަމަލާދިން އެންމެންވެސް ތިބީ މާސްކް އަޅައިގެންނެވެ.

އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިދު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު، ދައުވާ ލިބޭ ފަރާތްތަކުންވެސް ވަނީ ދިފާއީ ހެކި ހުށައަޅާފައެވެ. އެގޮތުން ދިފާއީ ގިނަ ހެކިތަކަކީ ދައުވާ ލިބޭ ފަރާތް ހާދިސާ ހިނގި ވަގުތު އެތަނުގައި ނެތްކަން ސާބިތު ކުރުމުގެ ގޮތުން ހުށައަޅާފައިވާ ހެކިތަކެކެވެ. ދަޢުލާ ލިބޭ އެންމެންވެސް ވަނީ މީގެކުރިން ދަޢުވާއަށް އިންކާރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން