ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ (ވ) ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް (ކ)
ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ (ވ) ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް (ކ)
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާއެއް ވާ ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބިދޭސީންނާ، ގުޅުންހުރި މައްސަލަތައް ދިރާސާކުރައްވަމުން ގެންދަވާ ގަައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރާއްޖޭގައި މި ފަހުން ބިދޭސީން ހިންގާފައިވާ ހަމަނުޖެހުންތަކުގެ ހުރިހާ ހާދިސާތަކުގައި ވެސް ބިދޭސީން ފުލުހުންނަށް ހަމަލާ ދިން ކަމަށެވެ. އެމީހުން ހަމަނުޖެހުން ހިންގަނީ އެ މީހުންނަށް މުސާރަ ނުދޭތީ ނޫން ކަމަށާއި، އެއީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާ ހުރި ކަމެއް ކަމަށް ދިފާއީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

މާރިއާ ވިދާޅުވީ، ބޮޑުފިނޮޅު މައްސަލާގައި ބިދޭސީން ނުކުމެ ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިން ކަމަށާއި ނަމަވެސް ކޫއްޑޫ އަދި ހެރެތެރެ ރިސޯޓުގެ މައްސަލާގައި އެ މީހުން ބުނަނީ އެނބުރި ގައުމަށް ދާން ބޭނުންވާ ވާހަކަ ކަމަށެވެ. އަދި ހުޅުމާލޭގެ ސިފައިންނާއި ފުލުހުންގެ ފްލެޓުތަކަށް އައިލެންޑް އެކްސްޕާޓުގެ ފަރާތުން ގެނެސްފައިވާ ބިދޭސީން ވެސް ނިކުމެ ހަމަނުޖެހުން ހިންގާފައި ވަނީ އެ ކުންފުނިން މުސާރަ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ބިދޭސީންގެ މުޒާހަރާތަކަކީ ބަޔަކު ފަހަތުގައި ފޮރުވިގެން ތިބެ ކުރިއަށް ގެންދާ ކަމެއް ކަމުގައި މާރިޔާ ވިދާޅުވިއެވެ. އަދި މިކަންތައްތަކަކީ ރާއްޖޭގެ މަސްލަހަތަށް ގެއްލުންވާނެ ކަންކަން ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމަށް މަޖިލީހުގެ އެއްބާރުލުންވެސް ބޭނުންވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކޮންމެހެން މުސާރަ ނުލިބިގެން ހައްގެއް ހޯދަން ނިކުންނަނީއެއްނޫން. އަދި މީގަ ފޮރުވިފައިވާ ފަރަތްތަކެއްވެސްވާކަމަށް ޤަބޫލުކުރެވޭ. އެހެންކަމުން އެކަންކަން ބަލާ ތަޙްގީގްކުރަމުން މިއަންނަނީ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިތިބި ބައެއްކަން ދެއްކުމަށް ސޯޝަލް މީޑިއާގައި ލޭބަލް ކުރެވެމުންދާކަމަށާއި، ނަމަވެސް ރާއްޖޭގެ ޤާނޫނުތަކާއި އދ.ގެ ޕްރޮޓޮކޯލްތަކުގައި މިއީ އިންސާނީ ވަގުފާރިކަމަށް ނުބެލެވޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޤައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ރާއްޖޭގައި ބިދޭސީން އުޅުމުގެ ހުއްދަދެވެން ނެތްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ދާދި ފަހުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްވެސް ވިދާޅުވެފައިވަނީ ބިދޭސީން ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި ސިޔާސީ ކަންތައްތަކެއް ހުރިކަމަށް ޤަބޫލުކުރެވޭކަމަށާއި، މިއީ ބަޔަކު ރާވައިގެން ހިންގާކަމެއްކަމަށެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަން ގެނެސްފައި ތިބި ބިދޭސީން އެ ރަށުގައި ހަމަނުޖެހުން ހިންގާ އެރަށުގައި މަސައްކަތް ކުރި ދިވެހިން ތަކެއް ރަހީނު ކޮށް ފުލުހުންނަށް ޙަމަލާ ދީފައިވަނީ މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވައެވެ. އަދި ހުޅުމާލޭގައި ސިފައިންނާާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ތަކެއް ވަނީ މިމަހުގެ 14 ވަނަ ދުވަހު ހަމަނުޖެހުމެއް ހިންގާ ފުލުހުންނަށް ޙަމަލާދީފައެވެ. އަދި މިމަހުގެ 6 ވަނަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. މީގެއިތުރުން އިއްޔެވެސް ވަނީ ވ އަތޮޅުގެ ރަށެއްގައި ބިދޭސީން ހަމަނުޖެހުން ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން