ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައި ސިވިލް ކޯޓަށް ތަހުވީލު ކުރި މައްސަލަ ދީބާޖާއިން އަނބުރާ ގެންގޮސްފިއެވެ.

ދީބާޖާއަށް ބަދަލުޖޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ރައީސް ނަޝީދުގެ ވެރިކަމުގައި ގާއިމްކުރި އެއްބަސްވުން ރައީސް ވަހީދުގެ ވެރިކަމުގައި ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފް މައްސަލައިގެ ހުކުމްގައެވެ.

ނަމަވެސް ސިވިލް ކޯޓުގެ ޤާޟީ އަހުމަދު އަބްދުލްމަތީން މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ހުކުމުގައި ބުނެފައިވަނީ، ސެޕްޓެމްބަރު 21، ގައި ދީބާޖާއިން ވަނީ ދައުވާ ބާތިލް ކުރުމުގެ ލިޔުން ކޯޓަށް ފޮނުވައިފައި ކަމަށެވެ. އެހެންކަމުން މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ދީބާޖާ މައްސަލާގައި މީގެކުރިން ކޮށްފައިވާ ހުކުމްގައިވަނީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

މި މައްސަލާގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު ތަފާތެވެ. އޭނާގެ ރައުޔުގައި ވަނީ ދީބާޖާއަށް ބަދަލެއް ދޭން ނުޖެހޭކަމަށް ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު ފެންނަން އޮތީ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ ސަރުކާރުން އަންގާފައިވާ އެންގުންތައް ކަމަށާއި، އަދި އެއް ހަފުތާ ތެރޭގައި ހިދުމަތް ނުފަށައިފިނަމަ، އެއްބަސްވުން ބާތިލް ކުރެވޭނެ ފަދަ އިބާރާތަކުން ސަރުކާރުން ސިޓީ ފޮނުވާފައިވާއިރު، އެ މުއްދަތުގައި އެކަންކަން ރަނގަޅު ކުރިކަން އެނގޭނެ ހެއްކެއް ނެތް ކަމަށް މަހާޒްގެ ރައުޔުގައިވެއެވެ.

އެމްޑީޕީގެ ވެެރިިކަމުގަައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރި މައްސަލާގައި އެ ކުންފުނިން ދައުވާ ކުރުމުން 2016 ވަނަ އަހަރު ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައެވެ. ސިވިލް ކޯޓުގެ ހުކުމް 2018 ވަނަ އަހަރު ބާތިލްކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ކަނޑައަޅާފައެވެ.

އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ގޯސް ކަމަށް ހުކުމްކޮށްފައެވެ. އެހެންކަމުން ހައި ކޯޓުގެ ހުކުމް ދެމި އެބައޮތް ކަމަށާއި އެކަމަކު ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީިބާޖާއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން