ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން މާދަމާ ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

މަންނާން ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރެއްވީ ރައީސް ޞާލިޙްގެ ވެރިކަމުގައި 19 ނޮވެމްބަރު 2018 ގައެވެ. 29 އަހަރު ފުލުހުންގެ ޚިދުމަތުގައި ދެމިހުންނެވި ޑީސީޕީ މަންނާނަކީ ރައީސް ޞާލިޙްގެ ވެރިކަމުގެ އެންމެ ފަހު ވަގުތު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ހުންނެވި ފަރާތެވެ.

މަންނާން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހަމަޖެއްސެވީ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުޙައްމަދު ޙަމީދު މަޤާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެނަމަ އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅަކު އައްޔަން ކުރަން ވާނެ ކަމަށެވެ.

ޤާނޫނުގައިވާ ގޮތުން ސީޕީގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅުއްވާނީ ޕޮލިސް ބޯޑުން ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

މަންނާނާއި އަލީ ރަޝީދު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރަށްވާއިރު, ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރަން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އަޙުމަދު މުޙައްމަދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމައި 10 އޮކްޓޯބަރ 2022 ގައި އޭނާވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން